Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ބެލްޖިއަމް މޮޅުވެ، ލުކާކޫ އަށް ރެކޯޑެއް

މޮސްކޯ-ރަޝިޔާ: ވޯލްޑްކަޕްގެ ގްރޫޕް ޖީ ގައި ޓިއުނީޝިޔާ އާއި ދެކޮޅަށްކުޅެ 2-5 އިން ބެލްޖިއަމް މޮޅުވި އިރު ރޮމެލޫ ލުކާކޫ ރެކޯޑެއް ހަދައިފި އެވެ.

މޮސްކޯގެ ސްޕާޓަކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 6 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑްނެގީ ބެލްޖިއަމް އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެޑެން ހަޒާޑް އެވެ. އޭގެ 10 މިނެޓުފަހުން ރޮމެލޫ ލުކާކޫ ވަނީ އެޓީމުގެ ލީޑް ފުޅާކޮށްދީފައެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑުޖެހިތާ މާގިނައިރުތަކެއްނުވަނީސް ޓިއުނީޝިޔާ ވަނީ ނަތީޖާ 1-2 އަށް ބަދަލުކޮށްލާފައެވެ. މިލަނޑު ޖަހައިދިނީ ޑިލަން ބްރޮން އެވެ. މިމެޗުގެ ފުރަތަމަހާފުގެ އިތުރުވަގުތުގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހައި ބެލްޖިއަމްގެ ލީޑް އަލުން ފުޅާކޮށްދީފައެވެ.

މިމެޗުގެ ދެވަނަހާފު ފެށިތާ ކުޑައިރުކޮޅެއްގެތެރޭގައި ބެލްޖިއަމް ވަނީ ނަތީޖާ 1-4 އަށް ބަދަލުކޮށްފައެވެ. މިލަނޑު ޖަހައިދިނީ ކެޕްޓަން ހަޒާޑް އެވެ. ބެލްޖިއަމްގެ ފަސްވަނަ ލަނޑު ޖަހައިދިނީ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި މިޝީ ބަޓްޝުއާޔީ އެވެ. ޓިއުނީޝިޔާ އިން ޖެހި ދެވަނަ ލަނޑު އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ވަހްބީ ކަޒްރީ އެވެ.

މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއިއެކު ލުކާކޫ ވެފައިވަނީ 1986 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގައި ވިދިވިދިގެން ދެމެޗުގައި ދެލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެއިތުރުންވެސް ލުކާކޫ ވަނީ އިތުރު ރެކޯޑްތަކެއް ހަދާފައެވެ. އޭގެތެރޭގައި، ބެލްޖިއަމްގެ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެއް މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ވުމުގެ އިތުރުން ބޮޑު މުބާރާތްތަކުގައި ބެލްޖިއަމްގެ ޤައުމީޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑްވެސް އޮންނަނީ އޭނާ އަތުގައެވެ. އެއީ ޖުމްލަ 7 ލަނޑު ހަމަކޮށްގެންނެވެ.