Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

ޕޮލިޓިކްސް އަށް ވަނުމުގެ ހިޔާލެއް ނެތް: ޝާހް

ސިޔާސީ ދާއިރާއަކީ ވެސް އެ ދާއިރާގެ ތައުލީމާއި ހުނަރު ލިބިގެން މަސައްކަތް ކުރެވޭނެ ޕްރޮފެޝަނަލް ދާއިރާއެއް ކަމަށާއި ދުވަހަކު ވެސް ސިޔާސީ މަސައްކަތުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށް ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާން ބުނެފި އެވެ.

"ސިޔާސީ ދާއިރާ އަށް ވަނުމުގެ އެއްވެސް ޝައުގުވެރި ކަމެއް އަހަރެންގެ ނެތް. ސިޔާސީ ދާއިރާ އަށް ވުރެ މާ ރަނގަޅު އަހަންނަށް އެސްޓްރޯނަޓަކަށް ވާން ވެސް. އެކަމަކު އެފަދަ ހިޔާލެއް ނެތް،" ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ޝާހް، 47، ބުންޏެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ސިޔާސީ ދާއިރާ އަށް ވަނުމަކީ ވަރަށް އާންމު ކަމެކެވެ. އަދި ބައެއް ތަރިން ކާމިޔާބް ސިޔާސީ ވެރިންނަށް ވެސް ވެފައި އެބަ ތިއްބެވެ.

ޝާހް އިތުރަށް ބުނީ އެކްޓް ކުރުން ފިޔަވައި ކެރިއަރެއްގެ ގޮތުގައި އޭނާ އަށް އެހާ މޮޅަށް ކުރެވޭނެ އެހެން ކަމެއް ނެތް ކަމަށެވެ. އަދި އާންމުން އޭނާ ބަަލައިގަތީ ވެސް އެކްޓަރެއްގެ ގޮތުގައި ކަމަށްވާތީ ދެމިހުންނަން ބޭނުން ވަނީ އެ ދާއިރާގައި ކަމަށް ދެ ކުދިންގެ ބައްޕަ އަދި ކޮލްކަތާ ނައިޓް ރައިޑާ (ކޭކޭއާރް) ގެ ނަމުގައި ކްރިކެޓް ޓީމެެއް ވެސް ގެންގުޅޭ ޝާހް ބުންޏެވެ.

މިދިޔަ އަހަރު ރިލީޒްވި "ޖަބް ތަކް ހެ ޖާން" އިން އެންމެ ފަހުން ފެނިގެން ދިޔަ ޝާހްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޗެންނާއި އެކްސްޕްރެސް" އަދި "ހެޕީ ނިއު ޔެއާ" ހިމެނެ އެވެ.