ސައުދީގައި ގަރުނުތަކެއް ވަންދެން އޮތް އަންހެނުން ކާރުދުއްވުން މަނާކުރާ ގަވާއިދު ނިމުމަކަށް ގެނެސްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު މިކަން އިއުލާނުކޮށް ސައުދު އަރަބިއާގެ އަންހުންނަށް ފުރަތަމަ ފަހަރަށް ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ.
ސައުދިއަރަބިއާއަކީ މިގޮތަށް އަންހެނުންނަށް ދުއުވުން މަނާކުރާ ގަވާއިދެއް އޮތް ހަމައެކަނި އޮތް ގައުމެވެ. މީގެ ސަބަބުން ސައުދީގައި ޖެހެނީ އަންހެނުން ކާރުތަކުގައި ދަތުރުކުރަމުން ޑްރައިވަރަކު ވަޒީފާގައި ބެހެއްޓުމަށެވެ.
މިބަދަލު ގެނެސްފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުންތަކެއް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ދަނިކޮށެވެ. މީގެ ތެރެއިން 8 އަންހެން އެކްޓިވިސްޓުން ވަނީ ކައުންޓަރ ޓެރަރިޒަމްގެ ދައުވާކޮށް ހައްޔަރުކޮށްފައެވެ. އަދި ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގުރޫޕް އެމްނެސްޓީ އިން ބުނާ ގޮތުގައި މިމީހުންނަށް ދިގު މުއްދަތެއްގެ ޖަލު ހުކުން އައުން ވެސް އެކަށީގެންވެއެވެ.
ސައުދިއަރަބިއާގެ ގަޑިން ރޭ 21:00ގައި މިގަވާއިދު އުވާލުމާއެކު އަންހެނުންތައް ވަނީ ކާރުތަކުގައި މަގުމައްޗަށް ނިކުމެފައެވެ. އަދި ގިނަ އިރުތަކަށް އެހެންމީހުންނަށް އިންތިޒާރުކޮށްގެ ތިބެން ޖެހުމުގެ ދުވަސްތައް ނިމުމަކަށް އައީ ކަމަށާއި، އިތުރަށް މިކަމުގައި ފިރިހެނުނަކު ބޭނުންނުވާ ކަމަށް 21 އަހަރުގެ ފާމަސީ ދަރިވަރެއް ކަމަށްވާ ހާތޫން ބިން ދާހިލް ބުންޏެވެ.
ސައުދި އަރަބިއާގެ ކަމާއި ބެހޭ އިދާރަތަކުން ބުނާގޮތުން މި ގާވާއިދު އުވާލާ ވަގުތާއި ހަމައަށްވެސް 2000 އެއްހާ އަންހެނުން ދުއްވުމުގެ ލައިސަަންސް ނަގާނެ ކަމަށް ބެލެވެއެވެ.
ސައުދީ އަންހެނުންނަށް ދުއްވުމުގެ ހުއްދަ ދިނުމަށް ގެނެވުނު ބަދަލަކީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، ސައުދީގެ މުޖުތަމައަށް ޒަމާނީ ބަދަލުތައް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެކެވެ.