Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ކޯޓާ ބަދަލާ އެކު އަލުއްވާއި ހަކުރުގެ އަގު އުފުލޭނެ: ނަޝީދު

އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެ ކުރަން ދޫކޮށްފައިވާ ކޯޓާ ބޮޑު ތަނުން ދަށްކުރުމާއި ގުޅިގެން އަލުވި އަދި ހަކުރުގެ އަގު ބޮޑުތަނުން ބޮޑުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑާ ހަވާލާދީ "ދަ ވަޔާ" ނޫހުން ރިޕޯޓު ކުރި މައުލޫމާތާއި ގުޅިގެން ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއި ދެމެދު ގުޅުން ގޯސްވެ މިގެނައި ބަދަލުގެ ސަބަބުން އަލުވި އަދި ހަކުރުގެ އަގު ބޮޑު ތަނުން ބޮޑުވާނެ ކަމަށާއި، އެކަމުގެ ޒިއްމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހޭނެ ކަމަށެވެ.

އިންޑިޢައިން ވަނީ އަލުވި އެތެރެ ކުރުމަށް ދީފައިވާ ކޯޓާ 5.3 ޓަނަށް ދަށްކޮށްފައެވެ. އަދި ހަކުރުގެ ކޯޓާ ވަނީ 97 ޕަސެންޓު ދަށްކޮށްފައެވެ.

މި ބަދަލު ތަކާއި ގުޅިގެން ރާއްޖެއިން ވިއްކާ ކާޑުގެ އަގަށް ބަދަލެއް ނާންނާނެކަަމަށް ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ދަ ވަޔާއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ދޫކޮށްފައިވާ ކޯޓާއަށް ބަދަލު ގެނައީ ފާއިތުވި ތިން އަހަރު ރާއްޖެއަށް އެތެރެ ކުރި މުދަލަށް ބަލައިގެންކަމަށް އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ވަނީ ބުނެފައެވެ.

މި ބަދަލު އައިސްފައި މިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެ، ދެގައުމުގެ ވެރިންގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާ ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.