ސަރުކާރުގެ ސިޔާސީ ބޭނުމަށް ލޯކަލް ގަވަރަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން، ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް، އެއްވެސް ހަމައެއް ލަމައެއް ނެތި ފިޔަވަޅުއަޅައި ސަސްޕެންޑް ކުރަމުން ގެންދާތީ އެކަން ކުރާ ފަރާތްތަކާ މެދު އެ ޕާޓީގެ ވެރިކަމެއްގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
"ސަރުކާރުގެ ސިޔާސީ މަޤުސަދެއް ޙާޞިލުކުރުމަށްޓަކައި ޤާނޫނާ ޚިލާފަށް މިގޮތަށް ނުޙައްޤުން ސަސްޕެންޑްކޮށް މުސާރަ ނުލިބޭގޮތަށް ފިޔަވަޅު އަޅާފައިވާ އެންމެހައި ކައުސިލަރުންނަށް، އެމްޑީޕީގެ ވެރިކަމެއްގައި ޙައްޤު ބަދަލު ހޯދައިދީ، އެ ކައުންސިލަރުންގެ މުސާރަ އަނބުރާ ރައްދުކުރުމާއެކު، އެލްޖީއޭ އިން ޤާނޫނާ ޚިލާފަށް ހިންގާފައިވާ ޖަރީމާތައް ވަރަށް ސީރިއެސްކޮށް ތަޙްޤީޤުކޮށް އެ ފަރާތްތަކާ މެދު ވަކިވަކިން ޤާނޫނީ ފިޔަވަޅުއަޅައި އަދަބުދެވޭނޭކަމުގެ ޔަޤީންކަން އަރުވަމެވެ." އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެލްޖީއޭ އިން އެންމެ ފަހުން ސަސްޕެންޑް ކުރި 26 ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ހަރަކާތްތަކުގައި ބައިވެރިކަމަށް ބުނެ އެވެ. އަދި މި ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ އެ ކައުންސިލަރުންނަށް މުސާރަ ވެސް ނުލިބޭ ގޮތަށް 3 މަސް ދުވަހަށެވެ.
"މިއީ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފު ހައްދުން ނައްޓައިގެން ގޮސްފައިވާކަން ހާމަވެގެންދާ ކަމެކެވެ." އެމްޑީޕީން ބުންޏެވެ.
އެލްޖީއޭ ގިނަ އަދަދެއްގެ އުންސިލަރުންތަކެއް ސަސްޕެންޑްކޮށްފައި މި ވަނީ މި މަހުގެ ފަހުކޮޅު އއ. އުކުޅަސްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.