ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އެކަކު އަނެކަކަށް ދެވޭ ސަމާލުކަން މަޑުމަޑުން ބަދަލުވާހެން ތިބާއަށް ހީވެދާނެއެވެ. ކައިވެނީގެ އަހަރީ ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން، ކުރިން ތިބާއާއިމެދު ތިބާގެ ފިރިމީހާ ބަހައްޓާ ފަރުވާތެރިކަމާއި އަޅާލުން ކުޑަވާހެން ތިބާއަށް ފާހަގަ ކުރެވިދާނެއެވެ. ފިރިމީހާ ތިބާ ދެކެވާ ލޯބި ގެއްލެމުންދާކަން ތިބާއަށް އިހުސާސް ވެދާނެއެވެ. މިކަންތައްތައް ހިތަށް އެރުމުން ނުބައިކޮށްދިޔައީ ކޮންކޮން ކަންތައްތަކެއްތޯ ސުވާލު ނުކުރާށެވެ. އަމިއްލަ ނަފުސާއިމެދު އީޖާބީ ނަޒަރަކުން ބެލުން އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ވާނެއެވެ.
ޒަވާޖީ ޙަޔާތް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމުގައި އަނބިމީހާއަށް ސަމާލުަކަން ދެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެކަންތައް ދެނެގަނެ އެގޮތަށް އަމަލު ކުރެވިއްޖެނަމަ އުފާވެރި ހަޔާތެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.
ކޮންމެ ކަމަކަށްވެސް ރަނގަޅު އަސާސެއް ބޭނުންވާނެ އެވެ. ގެއެއްގެ ބިންގާ އެޅުމަށް ހިލައާއި ހިލަވެލި، ސިމެންތި އަދި ބިންގާ ވަރުގަދަ ކުރުމަށް ދަނގަޑު ބޭނުންވާ ފަދައިން ކައިވެންޏެއްގެ ބިންގަލަށް ލޯތްބާއި، އިތުބާރުކުރުމާއި، އަމާނާތްތެރިކަމާއި، ބައިވެރިވުމަކީ، ހިއްސާ ކުރުމަކީ އިސްރޯލެއް އަދާކުރާ ކަންކަމެވެ.
ޒަވާޖީ ޙަޔާތުގެ ހުރިހާކަމެއްގައިވެސް ލޯބި މިއީ ހިމެނެންޖެހޭނެ އެއްޗެކެއެވެ. ތިބާގެ ބައިވެރިޔާއާއި، ތިބާގެ ގެޔާއި، ތިބާގެ ދަރިންނާއި، ތިބާގެ އާ ޢާއިލާގެ އެންމެންދެކެވެސް ލޯބިވާށެވެ. އުފާވެރި ޒަވާޖީ ޙަޔާތެއް ހޭދަ ކުރުމަށްޓަކާ ތިބާގެ ފިރިމީހާއަށް އިތުބާރުކޮށް އޭނާއަކީ ކާކުކަން ދެނެގަނެވޭނަމަ މިފަދަ ޙަޔާތެއްގައި ކުރިއަށް ދިއުމަށް ފުދެއެވެ.
ދެމީހުންގެ ދެމެދުގައި ލޯބި އިތުރުވަމުން ދިއުމަށް ފުރުޞަތެއް ދޭށެވެ. ތިބާގެ ފިރިމީހާއަކީ އެހާ ރޮމޭންޓިކް މީހެއް ނޫންނަމަ ނުވަތަ އޭނާއަށް އޭނާގެ ހިތުގައިވާ ޙަޤީޤީ ޝުޢޫރުތައް ފާޅުނުކުރެވޭނަމަ، އޭނާއަށް އެކަންތައް މަޑުމަޑުން ދަސްކޮށްދޭށެވެ. ތިބާގެ މަސައްކަތުން އެކަން ކާމިޔާބު ކުރެވޭނެއެވެ. ދެ ދުވަހަކުން ނުވާނެއެވެ. ކެތްތެރިކަމާއިއެކު އެކަން ކުރާށެވެ. ތިބާ އުފާވަނީ ކޮންކޮން ކަންތައް ތަކަކުންކަން އޭނާއަށް އެނގޭނެހެން އިޝާރާތްތައް ދެމުން ގެންދާށެވެ. އޭނާއަށް، އޭނާގެ ކިބައިން ތިބާ އެދޭ ކަންތައްތައް، ނަގައިގަތުމަށް ވަގުތުދޭށެވެ. އޭނާއަކީ އެހާ އަވަހަށް ދަސްވާ މީހެއް ނޫންނަމަ، ތިބާގެ ލޯބިން އުފައްދާ ޖައްވުގެ ސަބަބުން، އޭނާއަށް އެކަންތައްތައް ދަސްވުން ހަލުއިކޮށްދޭށެވެ. ލޯބީގެ އެ ޖައްވު އުފެއްދުމުގައި ތިބާ ލަސް ނުކުރާށެވެ.
ދިރިއުޅުމުގައި ކުދިކުދި މިކިޔާ ކޫސަނި މައްސަލަތަކާއި ދިމާވާނެއެވެ. ކުދިކުދި މައްސަލަތައް، ބޮޑުވަމުން ދިޔަ ނުދޭށެވެ. މައްސަލަތަކުގެ ކުރި މަރާށެވެ. އަދި ކޮންމެ އުނދަގޫކަމެއްގެ ވެސް ފުރިހަމަ ޙައްލަކަށް ލޯބި ވާކަން ހަނދާން ނައްތާނުލާށެވެ. އަރައިރުންތަކާއި، މައްސަލަތަކަށް ތިބާގެ ލޯބި ބީހުން ދޭށެވެ. މާފުގެ ނޯޓެއް ދިއްކޮށްލާށެވެ. ޒަމާނީ ސިހުރުވެރި ޖުމުލަ " އައި ލަވް ޔޫ" ނުވަތަ " އައި ކާންޓް ލިވް ވިތައުޓް ޔޫ" ބުނެލުން ފަދަ ކަންކަމުން ހައްލު ހޯދާށެވެ. ތިބާގެ މި އަމަލުތަކުން ތިބާގެ ފިރިމީހާގެ ހިތް ފަތަހަ ކުރަން އުނދަގޫ ނުވާނެ ކަން ދަންނާށެވެ. ތިބާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވިޔަ ނުދެއްޗެވެ.
ލޯބީގެ ވާހަކަ ދެކެވިއްޖެއެވެ. ދެން އޮތީ އަނެއްކާވެސް ކުޑަ ކަމެއް ނޫނެވެ. އިތުބާރު ކުރުމެވެ. ކޮންމެ ގުޅުމެއްގައިވެސް އިތުބާރަކީ ވަރަށް މުހިއްމު ރުކުނެކެވެ. އެޔާއިނުލާ ކުރިޔަކަށް ފިޔަވަޅެއްވެސް އެޅުން އެއީ ފަސޭހަ ކަމެއް ނޫނެވެ. ތިބާގެ ހަޔާތުގެ ބައިވެރިޔާ ކަމަށްވާ ތިބާގެ ފިރިމީހާއާށް އިތުބާރުކުރާށެވެ. ނަމަކަށް ނޫނެވެ. އޭނާ ދައްކާ ވާހަކަތަކަށާއި އޭނާ ކުރާ އަމަލުތަކަށް ވެސް އިތުބާރު ކުރާށެވެ. ތިބާގެ ހަޔާތުގެ ހުންގާނުގައި ހުރެވޭނެ ކެޕްޓަނެއްގެ ޤާބިލްކަން އޭނާގެ ކިބައިގާ ހުރިކަން ގަބޫލު ކުރާށެވެ. ފިރިމީހާއަށް އިތުބާރުކުރާ ކަމަށްވާނަމަ، އޭނާގެ ޙަރަކާތްތަކަށް ޖާގަ ދޭންޖެހޭނެއެވެ. އޭނާގެ އެކުވެރިންނާއި ބައްދަލުކޮށް އުޅުން، އެމީހުންނާއިއެކު ކޮފީތަކަށް ދިއުން، ރަޙުމަތްތެރިންނާއިއެކު ދުއްވާލަން ދިއުން ފަދަ ކަންތައްތައް ކުރުމަށް ހުރަސް ނާޅާށެވެ.
ތިބާގެ ފިރިމީގެ ފަރާތުން އަމާންކަމާއި، ރައްކާތެރިކަން އިޙްސާސްވުމަކީ ކިހާ މުހިންމުކަމެއްކަން ދެނެގަނެ، މިކަން ފިރިމީހާއަށް ވިސްނައިދެވޭތޯ ބަލާށެވެ. މިކަމާއިބެހޭގޮތުން، ވާހަކަދައްކައި، ޚިޔާލު ބަދަލު ކުރާށެވެ. އެކަމަކު، ޚިޔާލު ބަދަލުކުރުމުގައިވެސް، ފިރިމީހާއަށް، ތިބާ ތިޔަވަނީ އަބަދުވެސް އޭނާއާއި އެކުގައިކަން ފާޅުކޮށްދޭށެވެ.
ދެން އޮތީ ބައިވެރިވުމާއި، ހިއްސާކުރުމެވެ. ތިބާގެ ޚިޔާލުތައް ފިރިމީހާއާއި ހިއްސާ ކުރާށެވެ. އުންމީދުތަކުގެ ވާހަކަ ދައްކާށެވެ. ހުންފެންތައް ކިޔައިދޭށެވެ. ތިބާގެ މަސްއޫލިއްޔަތުތައް ހިއްސާ ކުރާށެވެ. ކާމިޔާބު ކޮންމެ ކާވެންޏެއްގެ ސިއްރުތަކުގެ ތެރޭގައި މިކަންތައް ހިމެނެއެވެ. ގޭތެރެ ސާފުކުރުމާއި، ކެއްކުމާއި، އެއްޗެހި ދޮވުމާއި، ދަރިން ބެލުންފަދަ ކަންކަމުގައި ތިބާ އުޅޭވަރަށް ތިބާގެ ފިރިމީހާއަށް ނޫޅެވުނަސް އެއީ ޒަވާޖީ ޙަޔާތުގައި ތިބާގެ ފިރިމީހާ ތިބާއާއި ބައިވެރިނުވަނީ ކަމުގައި ނުދެކޭށެވެ. އޭނާ ކުރާ އެހެން ކަންތައްތައް ހުރިކަން ހަނދާން ބަހައްޓާށެވެ. ދިރިއުޅުން ތިޔާގި ކުރުމަށް ވަޒީފާގައި އޭނާ އުޅޭއިރު ގޭތެރޭގައި ތިބާއަށް ކުރިމަތިނުވާ އެތައް ގޮންޖެހުންތަކާއި ކޮންމެ ދުވަހަކުހެން އޭނާ ކުރިމަތިލާކަން ހަނދާން ކުރާށެވެ. ގެއަށް ފިރިމީހާ އައުމަށްފަހު ތިބާއަކީ އޭނާގެ ސިކުނޑީގެ ހުންނަ ބަރުކަން އިތުރު ކުރާ މީހަކަށް ނުވާށެވެ. އޭނާގެ ހިތްހަމަޖެހުމަށް ވެވޭތޯ މަސައްކަތް ކުރާށެވެ.
މިފަދަ ކަންކަމަކީ، ތިބާގެ ޒަވާޖީ ޙަޔާތް އުފާވެރިކަންމަތީ ދެމެހެއްޓުމަށް އެޅޭނެ ބިނާކުރަނިވި ފިޔަވަޅުތަކެކެވެ. ލޯބި އެއްވަރެއްގައި ހިފެހެއްޓުމަށް ކުރެވިދާނެ ފަސޭހަ މަސައްކަތްތަކެކެވެ. ކޮންމެ ކަމަކީވެސް ހައްލެއް އޮންނާނެ ކަމެކެވެ. ލޯބި އެއީ ވަރަށް ހިތްގައިމު އިހުސާސެކެވެ. ކައިވެންޏަކީ ވަރަށް މާތް ގުޅުމެކެވެ.