Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އައިސީސީން ވެލި ނަގަނިކޮށް ހުއްޓުވައިފި

ވެލި ނަގާ ސަރަހައްދު އެސްޔޫއެލް ވެހިކަލަކުން ބަންދުކޮށްފައި. ފޮޓޯ/ އައްޑޫލައިވް

ސްރީ ލަންކާގެ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮމްސޯޓިއަމް (އައިސީސީ) ކުންފުނިން ހަދާ މަރަދޫ، މަރަދޫފެދޫ އަދި ފޭދޫގެ މަގުގެ ޕޭވްމަންޓް ހެދުމަށް ބޭނުންވާ ވެލި ނަގަނިކޮށް ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) ގެ މުވައްޒަފުން ގޮސް އެކަން ހުއްޓުވައިފި އެވެ.

ހިތަދޫ އާރްއޭފް ސަރަހައްދުން ފަސް ނެގުމަށް ބޭނުން ކުރާ ސަރަހައްދުން ކައުންސިލްގެ ހުއްދަ އާ އެކު ވެލި ނަގަމުން ދަނިކޮށް ހުއްޓުވާފައި ވަނީ ވެލި ނަގަންދާ މަގު އެސްޔޫއެލްގެ ވެހިކަލް ބާއްވައި އެ ސަރަހައްދުން ދަތުރު ނުކުރެވޭ ގޮތަށް ބަންދުކޮށްގެންނެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) މިއަދު ވިދާޅުވީ އައިސީސީން ވެލި ނަގަމުން ދަނީ ކައުންސިލްގެ ހުއްދަ އާ އެކު ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލުން ހުއްދަ ދިނީ މަގުގެ ޕޭވްމަންޓް ހެދުމަށް ބޭނުންވާ ވެލި ނުލިބިގެން އޭސީސީން އެކަމަށް އެދުމުން އާއްމުކޮށް ވެލި ނަގާ ސަރަހައްދުން ވެލި ދޭން،" އޭނާ ވިދާޅުވި އެވެ.

ޓޮމް ވިދާޅުވީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް އެކަން އެސްޔޫއެލްގެ މުވައްޒަފުންނަށް ހުއްޓުވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

މި ހާދިސާ ހިގި ސަރަހައްދަށް "އައްޑޫ ލައިވް" ގެ ނޫސްވެރިން ދިޔަ އިރު އެ ސަރަހައްދުގައި ވެލިނަގަން ގޮސް އޮތް އައިސީސީގެ ދެ ބޮޑު ލޮރީ ނުކުމެވޭނެ ގޮތެއް ނެތި ތާށިވެފައި އޮތެވެ. އަދި އެތަނުގައި މަރަދޫ ދާއިރާގެ ކައުންސިލަރު ވެސް ބޭރަށް ނުދެވި ބަންދުވެފައި ހުންނެވި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ފަސް ނެގުން ހުއްޓުވާފައި ވަނީ އާއްމުން ބޭނުން ކުރުމަށް ފަސް ނުލިބޭ ކަމަށް ބުނެ އެވެ. އެގޮތުން ބައެއް އާއްމުން ބުނާ ގޮތުން އެ މީހުންގެ ބޭނުމަށް ވެލި ނުލިބެ އެވެ.

ޓޮމް ވިދާޅުވީ ކައުންސިލުން ވެލި ވިއްކުމަށް ފައިސާ ނެގުމަށް ފަހު ވެލި ދޫކުރުމަށް އެދެނީ އެސްޔޫއެލް އިން ނެވެ. ނަމަވެސް އެސްޔޫއެލްގެ މެޝިނަރީޒްތަކަށް މައްސަލަޖެހިފައިވާ ކަމަށް ބުނެ ވެލި ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޔޫއެލް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހެއިރު (އަބުހަރީ ޒުހެއިރު) ވިދާޅުވީ އެފަދަ ކަމެއް ހިގާފައިވާކަން އެނގިފައި ނުވާ ކަމަށެވެ.
ނަމަވެސް އެސްޔޫއެލްގެ މުވައްޒަފުން ތަކެއް އެ ސަރަހައްދަށް ވެލި ނަގަން ގޮސް ނުނެގިގެން ވެހިކަލްތައް ބަހައްޓާފައި އައި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.