ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މާލެ އަތޮޅު ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން މާލެ އަތޮޅު ތުލުސްދޫ ބަނދަރު ރަސްމީކޮށް ހުޅުއްވާ ދެއްވައިފިއެވެ.
ތުލުސްދޫ ބަނދަރު ހަދާފައިވަނީ އައިޑީބީގެ ލޯނު އެހީގެ ދަށުންނެވެ. ސާޅިސް މިލިއަން ސަތޭކަ ފަސްދޮޅަސް ހަ ހާސް ނުވަ ސަތޭކަ ސާޅިސް ނުވަ ރުފިޔާގެ މި ބަނދަރުގެ ސަބަބުން އެރަށުގައި ދިރިއުޅޭ މީހުންނަށް ފަސޭހަވެގެން ދާނެއެވެ.
މި ބަނދަރު ހަދާފައިވަނީ ސްރިލަންކާގެ ކުންފުންޏެއްކަމަށްވާ ސެނޯކް ޓްރޭޑް ކޮމްބައިން ކުންފުންޏާއި ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާއި ހަވާލުކޮށްގެން ހަދާފައިވާ މި ބަނދަރުގެ ދިގު މިނުގައި 800 ފޫޓް އަދި ފުޅާ މިނުގައި 300 ފޫޓް ހުރެއެވެ. މި ބަނދަރުގައި ބޮޑު ހިލަ ޖަހާ 290 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލާފައެވެ. އަދި ބޮޑު ހިލަ ޖެހި 110 މީޓަރުގެ ރިވެޓްމަންޓެއް ވެސް ވަނީ ލާފައެވެ. މީގެ އިތުރުން ކޮންކްރީޓް 500 މީޓަރުގެ އެއްގަމު ތޮއްޓެއް ވެސް ވަނީ ލާފައެވެ. މި ބަނދަރަށް އިތުރު ފުރިހަމަ ކަމެއް ގެނުވާފައިވަނީ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ 19 ހާބަރ ލައިޓްސް އިންނެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ހިމެނޭހެން 35 މީޓަރުގެ ދިގު މަގެއް އެތަނުގައި ހަދާފައިވެއެވެ.
ބަނދަރުގެ މަޝްރޫޢުގެ މަސައްކަތް 2016 ގައި ފެށި މި އަހަރު އެވަނީ ބަނދަރު ހުޅުވާފައެވެ. ރަސްމީކޮށް މި ބަނދަރު މިއަހަރު ހުޅުވުނު ކަމުގައި ވިޔަސް ބަނދަރުގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ނިންމާލާފައެވެ.
މާލެ އަތޮޅުގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އެ އަތޮޅު ގުރައިދޫ އަދި މާފުއްޓަށެވެ.ރ