ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށާއި އެކަން ކުރެވޭނީ ފައިސާ ހޯދެން އޮތް ގޮތަކަށް ހޯދައިގެންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅު ތުލުސްދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔަމީން ވިދާޅުވީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ހޯދައި ނުދެވުނު ތަރައްޤީ މިސަރުކާރުން ރައްޔިތުންނަށް ހޯދައިދެމުންދާ ކަމަށެވެ. އަދި މިކަންކަން ފައިސާ ނެތިއްޖެ ނަމަ ދަރަނިއަށް ނަގައިގެން ވެސް ފުއްދަވައި ދެއްވާނެކަމަށެވެ.
"އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ ފައިސާ ހޯދައިގެން، އާމްދަނީ ހޯދައިގެން. ފައިސާ ހޯދެން އޮތް ގޮތަކަށް ހޯދައިގެން މިކަންކަން ނިންމަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ތަރައްޤީ ގެނައުމަށް ދައުލަތުގައި ފައިސާ ނެތްނަމަ އެހެން ގޮތެއް ހޯދައިގެންވެސް ރައްޔިތުން ތަރައްޤީ ބޭނުންކަމަށެވެ.
އަދި އެގޮތަށް ހޯދާ ފައިސާ ދެއްކޭނެ ގޮތުގެ ހިޔާލެއް އިދިކޮޅު ބޭފުޅުންގެ ތެރޭގައި ނެތް ކަމަށާއި، އެކަން މި ސަރުކާރުން ހައްލު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއަށް އެކަމުގެ ސަބަބުން ހުއްޓުމެއް އައި ކަމަށާއި، އެކަންކަން މިހާރު ހަމައަކަށް އެޅިފައިވާ ކަމަށެވެ.