މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ކޯޓެއްގެ ހުކުމަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަދު ކ. މާފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ގާތްގަނޑަކަށް ފުރިހަމަވެ، މިހާރު މި އޮތީ "ދެ މޫސުން ބެދޭ ހިސާބަށް" އައިސްފައި ކަމަށެވެ. އަދި އެއީ، އެ މަނިކުފާނުގެ ރިޔާސީ ދައުރު ނިމި، އަނެއް ޒައާމަތު ފެށޭ މޫސުން ކަމަށާއި މި ވޯޓަކީ ކޯޓުގެ ހުކުމަކުން ނިންމާނެ ވޯޓަކަށް ވެގެން ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މި ވޯޓަކީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން ފާހަގަ ލައިގެން ހޮވާ މީހަކު ދައްކާ ވޯޓަކަށް ވާންވާނެ ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތަރައްޢީ އަކީ ކަރުދާހުގައި ލިޔެފައި އޮންނަ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ޤައުމުގެ ވެރިއަކަށް ހުންނަ މީހަކު ސިކުނޑި ބޭނުން ކޮށްގެން ކުރާ މަސައްކަތުން ހޯދޭ އެއްޗެއް ކަަމަށެވެ. އަދި ރައީސް ވިދާޅުވީ ތަރައްޤީގެ މަޝްރޫއުތަކަކީ ކުރިއަށް ގެންދެވޭނެ ކަންތައްތަކެއް ކަން، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު ހުޅުވައި ދަތުރު ކުރަން ފެށުމުން ސާފުވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ކަންކަން ކޮށްދެވޭނީ ކޮން ވެރިއަކަށް ކަން ނިންމުމުގެ ފުރުސަތު މިއޮތީ އަނެއްކާ ވެސް ލިބިފައި ކަމަށާއި އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމާ އިރު، ތަރައްޤީއާ މެދު ވިސްނަން ޖެހޭ ކަމަށެވެ.
މާފުށީ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނުގެ ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަޤީންކަމާ އެކު، އެ ރަށުގައި ކުޑަކުދިންގެ އިސްލާހިއްޔާ އޮތް ބިން ވެސް ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.