އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން އިންތިޚާބުތަކާ ބެހޭ ޤާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މާދަމާ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ހުށަހަޅުއްވާފައިވާ ބިލްގެ ފުރަތަމަ ކިޔުން އިއްވަން އެޖެންޑާކޮށްފައިވާ އިރު، ހަމަ އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުހައްމަދު ލަތީފް ވެސް އިސްލާހެއް ހުށަހަޅުއްވަ އެވެ.
މީގެ އިތުރުން އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުންވެސް މާދަމާ އިއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.
އެ ތިން ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ އިތުރުން ރަޝިއާއަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ނަންފުޅު ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވާފައިވާތީ އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ ވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.