ދިވެހި ޒުވާނުންނަކީ ޒިންމާ އުފުލަންކެރޭ، ޒިންމާދާރު ޤައުމީ މަޞްލަޙަތަށް ލޯބިކުރާ ބަޔަކަށްވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ބައެއް ރަށްރަށަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ޒުވާނުންނަކީ އިސްލާމީ ރީތީ އުޞޫލުތަކާއި، ދިވެހި މުޖުތަމަޢު ޤަބޫލުކުރާ ރީތި އުޞޫލުތައް ބަލައިގަންނަ ބަޔަކަށް ވާންޖެހޭ ކަމުގައެވެ. އަދި ސިޔާސީ މީހުން ކަންކަން ތަންފީޒުކުރަން ބޭނުންވިޔަސް އެކަމުގައި އަމަލީ މައިދާނުގައި މަސައްކަތް ކުރަން ތިބި ބަޔަކީ ޒުވާނުން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެ ތަނަކަށް ހަދަން ތިބި ބަޔަކީ ދިވެހި ޒުވާނުން ކަމަށެވެ.
މީގެ އިތުރުން މާފުށީގެ ގެސްޓްހައުސްވިޔަފާރި އިތުރަށް ފުޅާވެގެންދިއުމަކީ ސަރުކާރުގެ އެދުމެއްކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުޑަކުދިންގެ އިސްލާހިއްޔާއަށް ނަގާފައިވާ ބިން މިއަދުން ފެށިގެން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލުމަށް ނިންމަވާފައިވާ ކަމަށެވެ. އެބިމުގައި އިތުރު ގެސްހައުސް ތަރައްޤީކުރުމުގެ އިތުރުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބިގެން ދިއުމަކީ މާފުށީގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރައްޔިތުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލުޖުމްހޫރިއްޔާ މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.