Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

"ރާއްޖެ އަށް އެހެން ޤައުމުތަކާ ފައިހަމަ ކުރެވޭނެ"

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ދިވެހިރާއްޖެއަކީ ބޭރު ޤައުމުތަކާއި އެއްސަފުގައި ފައިހަމަކުރެވޭވަރުގެ ޤާބިލު ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހަވީރު ގުރައިދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ ފަދަ ޤުދުރަތީ ވަޞީލަތް މަދު ޤައުމަކުން ފާއިތުވެދިޔަ 4 އަހަރެއްހާ ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި އާބާދީގެ ބޮލަކަށް ޖެހޭ މިންވަރު އެތައް ގުނަޔަކަށް އިތުރުކޮށްފައިވުމީ ދިވެހި ހުރިހާ ރައްޔިތުންވެސް އެކަމާ ވިސްނާވަޑައިގަންނަވަންޖެހޭވަރުގެ ކަމެއް ކަމުގައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، ރައީސް ޔާމީން ވަނީ ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށްޓަކައި ކުރިޔަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިންގެ ޙާލަތު ބަދަލުކޮށް ވަޞީލަތްތައް އިތުރުކުރުމަށް ދިވެހިން ނުކުރާ މަސައްކަތެއް ކޮށްދޭކަށް އެހެން ބަޔަކު ނާންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ޢަޒުމުގައި ކުރިއަށް ދިއުމަށް މި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް، ބޭނުންވާ ބާރުމިނުގައި ކުރިޔަށް ގެންދިޔުމުގެ ފުރުޞަތު ދިވެހި ރައްޔިތުން މި ސަރުކާރަށް ފަހިކޮށްދެއްވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެވަޑައިގަތެވެ.