ބްރޯޑްކޮމް އިން އެކްސް ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެކްސް ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ރިސޯޓްތަކަށް ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުންޏެކެވެ. އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް ފޯރުކޮށްދީފައިވާ ކަމަށް ބުނެއެވެ.
އެކްސް ޕަވާއިން ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް 11 ރިސޯޓް އަކަށް ދޫކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ. މީގެ ކުރުމުގެ ގަވާއިދުގެ ޖަދުވަލު ދޭއްގެ ދެވަނަ ނަމްބަރާއި ފަސްވަނަ ނަމްބަރާއި ހިލާފަށް އެކްސް ޕަވާއިން ޗެނަލްތައް ދޫކޮށްފައިވާ ކަމަށް ވެސް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.
ބްރޯޑްކޮމް އިން ހުއްދަ ދީފައިނުވާ ޗެނަލްތައް ދެއްކުމުގެ ސަބަބުން ބްރޯޑްކޮމްގެ ގަވާއިދުގެ ދަށުން ހުއްދައާ ނުލައި ކޮންމެ ރިސޯޓްއަކަށް ދޫކޮށްފައިވާ ކޮންމެ ޗެނަލަކަށް ދެހާސް ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށް އެފަރާތުން ބުނެއެވެ. އެގޮތުން 11 ރިސޯޓަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދާ ހިލާފަށް ހިދުމަތް ދީފައިވާތީ އެކްސް ޕަވާ 1،046،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ވެސް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.
ބްރޯޑްކޮމް އިން ވަނީ ޖޫރިމަނާ ފައިސާއަށްވާ ޖުމްލަ 1،046،000ރ. ދެއްކުމަށް އެކްސް ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް މުއްދަތެއް ދީފައެވެ. އެ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. އަދި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސްނެތި ދޭ ހިދުމަތް ވަގުތުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެކްސް ޕަވާ އަށް ބްރޯޑްކޮމް އިން އަންގާފައި ވެއެވެ.
ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް ދެއްކި ކަމަށް ބުނާ 11 ރިސޯޓަކީ ސިނަމަން ދޮންވެލި މޯލްޑިވްސް، ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް، އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން، އަނަންތަރަ ރިސޯޓް އެންޑް ސްޕާ، މީރު އައިލޭންޑް ރިސޯޓް އެންޑް ސްޕާ އަދި ކްލަބްމެޑް ކަނި މޯލްޑިވްސް ހިމެނެ އެވެ. އަދި މީގެ އިތުރުން، އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް، ދަ ސަން ސިޔާމް އިރުފުއްޓާއި ސަން އެކުވާ ވިލުރީފާއި އަނަންތަރަ ވެލި މޯލްޑިވްސް އަދި ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހިމެނެ އެވެ.