ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޔުމްނާ މައުމޫންގެ ފިރިކަލުން މުޙައްމަދު ނަދީމާއި ދެކޮޅަށް އެ ދައުވާ އާއި ގުޅޭ ސިއްރު ހެކި ހުށަހަޅަން ބޭނުންވާ ކަމަށާއި ހެކީގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށް ބޭނުންވާކަމަށް ދައުލަތުން ބުނެފިއެވެ.
މިގޮތަށް ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ދައުލަތުން ބުނީ ނަދީމާއި ދެކޮޅަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާގެ އިއްޔެ ކްރިމިނަލް ކޯޓްގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.
ނަދީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތާއި ގުޅޭ ބައެއް ހެކިތަކާއި ލިއުންތައް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އަދި އެ ލިޔުންތަކާއި ހެކިތައް ހަވާލު ކުރުމަށް ފަހު ދައުލަތުން އެދިފައިވަނީ އޭގެ ތެރެއިން ބައެއް ލިޔުންތަކާއި ހެކި ސިއްރު ކުރުމަށެވެ. އަދި ނަގަން ބޭނުންވާ ކަމަށް ވިދާޅުވި ހެކި ބަސް ނަގާއިރު ހެކިންގެ އަޑު ބަދަލުކޮށް ސިއްރު ހެކިބަސް ނަގަން ބޭނުންވާ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
ނަދީމުގެ ފަރާތުން 26 ހުށަހެޅުމެއް އިއްޔެ ކޯޓަށް ހުށަހެޅުނު އިރު ، ނަދީމް ޝަރީޢަތުގައި އެދިފައިވަޑައިގެންފައިވަނީ ދައުލަތުގެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ.
ނަދީމް ހައްޔަރު ކުރެވިފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ޝަރީއަތް ނިމެންދެން ނަދީމް ވަނީ ބަންދުގައި ބަހައްޓާފައެވެ. ނަދީމުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސްވަނީ އުފުލާފައެވެ.
ނަދީމްގެ އަނބިކަނބަލުން ޔުމްނާ މައުމޫންގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އެ ހުކުމް އިއްވާފައި ވަނީ ތިން މަސް ހުކުމަކާ ނުލާ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު އެވެ.