Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

ދުނިޔޭގެ ޗެމްޕިއަން މައިކަލް ވޯޑިއަން އައްޑޫގައި

އެމެރިކާގެ މަޝްހޫރު އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަން އޭނާގެ އަނބިމީހާ އާއި ދެ ކުދިންނާ އެކު މިއަދު އައްޑު އަށް އަތުވެއްޖެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ވޯޑިއަން އައްޑު އަށް އައުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިޤް (ސޯބެ) އެވެ.

މި ދަތުރުގައި އައްޑޫގައި ވޯޑިއަންގެ އާއިލާ ހޭދަ ކުރާ ފުރަތަމަ ދެ ދުވަހު ހުންނާނީ ގަމުގެ އީކުއޭޓާ ވިލެޖް ގައެވެ. އަދި އަނެއް ދެ ދުވަސް ހޭދަ ކުރާނީ ޝަންގްރިއްލާ ރިސޯޓް ގައެވެ.

ވޯޑިއަން އައްޑު އަށް އައިސްފައި މިވަނީ އަންނަ ހުކުރު ދުވަހު އައި-ރަނާސް އިން އައްޑޫގައި ބާއްވާ "އައްޑޫ މެރެތަން" ގެ އެމްބެސެޑަރެއްގެ ގޮތުގައި އެ މެރެތަންގައި ދުވުމަށެވެ. މިއީ މިފަދަ މަޝްހޫރު ދުނިޔޭގެ ރެކޯޑް ފޮތުން އެތައް ފަހަރަކު ޖާގަ ހޯދާފައިވާ ދުވުންތެރިއަކު ރާއްޖޭގެ ފަސްގަނޑުގައި ދުވަން އައި މިއީ ފުރަތަމަ ފަހަރެވެ.

މި ތާރީޚު ލިޔެވިގެން މި އަންނަނީ އައްޑޫންނެވެ.

އުމުރުން 44 އަހަރުގެ ވޯޑިއަން ވަނީ ހަތް ދުވަހުގެ ތެރޭގައި ހަތް ބައްރުގައި ހަތް މެރެތަން ދުވެ "ވޯލްޑް މެރެތަން ޗެލެންޖް" މިދިޔަ އަހަރު ކާމިޔާބުކޮށްފައެވެ.

ވޯޑިއަން ވަނީ މިހާތަނަށް 170 އަށް ވުރެ ގިނަ މެރެތަން އަދި 70 އަށް ވުރެ ގިނަ އަލްޓްރާ މެރެތަންގައި ދުވެފަ އެވެ.
ދުނިޔޭގެ ހަތް ބައްރުގެ ތަފާތު އެކި މާހައުލުތަކުން ފެށިގެން ގަނޑުވެފައިވާ އުތުރު ތަނޑީގައި ވެސް އޭނާ ދުވެފައިވެ އެވެ.

މީގެ އިތުރުން 20 ޓްރައިތެލޯން ރޭހާއި އަޔަންމޭން އާއި އެޑްވެންޗާ ރޭހެއްގައި ވާދަކޮށްފައިވެ އެވެ. އެ ރޭސް ތަކުގައި ރަން ވަނަތަކެއް ހޯދާ ރެކޯޑްތައް ވެސް އޭނާ ވަނީ ހަދައިފަ އެވެ.

އެގޮތުން އިންޑޯ މެރެތަނެއް އެންމެ އަވަހަށް ދުވެގެން ރެކޯޑް ފޮތުން ޖާގަ ހޯދިއިރު އިންޑޯގައި 50 ކިލޯމީޓަރު ދުވުމުގެ ރެކޯޑާއި ޓްރެޑްމިލްގައި 50 ކިލޯމީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮތީ ވޯޑިއަންގެ އަތުގަ އެވެ.

އެމެރިކާގެ މަޝްހޫރު އަލްޓްރާ މެރެތަނާ މައިކަލް ވޯޑިއަން އޭނާގެ އަނބިމީހާ އާއި ދެ ކުދިންނާ އެކު މިއަދު އައްޑުއަށް ވަޑައިގެން ގަމުގެ ވައިގެ ބަނދަރުގައި. އައްޑޫގައި ހުކުރު ދުވަހު ފަށާ "އައްޑޫ މެރަތަން" ގައި ވޯޑިއަން ދުވާނެ

މީގެ އިތުރުން ވޯޑިއަން ވަނީ ދުނިޔޭގެ 100 ކިލޯމީޓަރު ދުވުމުގެ ޗެމްޕިއަންޝިޕުގައި ހަ ފަހަރު އެމެރިކާ ތަމްސީލްކޮށްފައެވެ. އަދި އެއް ފަހަރު ރިހި މެޑެއްޔެ ވެސް ހޯދައި ދީފައިވެ އެވ.

ދުނިޔޭގެ އެންމެ ބޮޑު ހަތް މެރެތަންގައި ދުވެފައިވާ އިރު އެކި ގައުމުތަކުގައި ބޭއްވި ވަރަށް ގިނަ މެރެތަންތަކެއް ކާމިޔާބުކޮށްފައި ވެސް ވެ އެވެ.

ވޯޑިއަންއާ އެކު ރޭހުގެ އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ދެ ދުވުންތެރިން ކަމަށްވާ އަލްޓްރާ މެރެތެނާ އަހުމަދު އާތިފާއި ގައުމީ ރެކޯޑް ހަދާފައިވާ މަރިޔަމް އަބްދުލްކަރީމް (މަރީ) ބައިވެރިވެ ރޭހުގައި ދުވާނެ އެވެ.