އެންމެ ފަހުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސް ކުރީ ސަފުން ފެނިގެން ދިޔަ ކުރީގެ އެޕާޓީގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ކަމާލުއްދީން، ޖުމްހޫރީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއަކުން ކުރިޔަށް އޮތްތަނުގައި ފެނުން އެކަށީގެންވާ ވިދާޅުވެއްޖެ އެވެ.
ކަމާލުއްދީން "އާފަތިސް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ވާދަކޮށް ކަމާލުއްދީނަށް ވަނީ ނާކާމިޔާބުވެފައެވެ. ވޭތުވެދިޔަ ހަ އަހަރު ދުވަހު އޭނާ ޚިދުމަތް ކޮށްދިން ޖުމްހޫރީ ޕާޓީން އޭނާ ބަލައިނުގެންފިކަން އެނގުމާއެކު ދެން މަސައްކަތް ކުރިޔަށް ގެންދެވިދާނެ ގޮތަކާމެދު ވިސްނަމުންގެންދާ ކަމާލުއްދީން އެ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.
ކަމާލުއްދީން ވިދާޅުވީ ތިމާ ބޭނުންވާ ހުރިހާ ކަމެއް ނުވުމަކީ ގައުމަށްޓަކައި ކުރަމުން އަންނަ މަސައްކަތް ހުއްޓާލަންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ޖޭޕީން އޭނާ ބަލައިނުގަތުން ނޫން އެހެން އިޙްސާސެއް ނުކުރެއްވޭ ކަމަށް ވެސް ކަމާލުއްދީން ވިދާޅުވިއެވެ.
ޖޭޕީގެ ނައިބު ލީޑަރަކު ހޮވަން ބޭއްވި އިންތިހާބުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ދަށުން ވޯޓު ލިބުނީ އަބްދުﷲ ކަމާލުއްދީނަށެވެ. ނައިބު ލީޑަރު ކަމަށް ހޮވީ ހަތަރު ބޭފުޅުންނެވެ. އެ މަގާމަށް ކަމާލުއްދީން ހިމެނޭ ގޮތަށް ފަސް މީހުން ކުރިމަތިލާފައިވެއެވެ. ކަމާލުއްދީން ވިދާޅުވެފައިވަނީ ބަލި ގަބޫލު ކުރެއްވި ކަމަށެވެ. ހަތަރު ޖާގައަށް ފަސް މީހުން ވާދަ ކުރާއިރު ކޮންމެ ވެސް މީހަކު ބަލިވާން ޖެހޭނެ ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
ކަމާލުއްދީނަށް ވަނީ ޖޭޕީގެ އެތެރޭގެ އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފައެވެ.
ގާސިމް އިބްރާހީމް އެކުލަވާލެއްވި ހިޔަނި ކެބިނެޓްގެ ހިއުމަން ރިސޯސް މިނިސްޓަރު ކަމަށް އެބޭފުޅާގެ ނަން ވަނީ ޖައްސަވާފައެވެ. ނަމަވެސް އަބްދުﷲ ކަމާލުއްދީން ވަނީ ހިޔަނި އެ މަގާމް ގަބޫލު ނުކުރައްވާނެކަން ހާމަ ކުރައްވާފައެވެ.
އަބްދުﷲ ކަމާލުއްދީން އަކީ ނިޝާން އިއްޒުއްދީންގެ ލަޤަބު ލިބިވަޑައިގެންފައިވާ ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ ވަރަށް އިސްމަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.