Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

ދުވަސްތަކަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް މިއަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު ފަހު ބާއްވަން ނިންމައިފި އެވެ.

އެ ޖަލްސާ ފަށާނީ 1:00 ގަ އެވެ.

ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު ހިމަނާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރަޝިއަން ފެޑަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، މ.ކޮތަންމާގެ މުހައްމަދު ޙުސައިން ޝަރީފްގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.

މަޖިލީހަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ބިލްތަކުގެ ތެރެއިން ދެ ބިލެއް އެޖެންޑާ ކުރެވިފައިވެއެވެ. އެއީ ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވޭ ޖަލްސާތައް ފަހަކަށް އައިސް ވެފައިވަނީ ދެ ފަރާތުގެ ކޯޅުން ގަނޑަކަށެވެ. އެކްޝަން ފިލްމެއް ބެލުމެކޭ މަޖިލީހުގެ ޖަލްސާއެއް ބެލުމެކޭ ވަނީ އެއްވަރެވެ. ރައްޔިތުންނަށް ފައިދާހުރި ކަންތަކުގައި ބަހުސް ކުރެވި އެފަދަ ބިލްތައް ފާސްކުރަން މަސައްކަތް ކުރައްވާ ތަނެއް ނުފެނެއެވެ.