Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

ފިލިޕީންސްގެ ކޮލެޖަކާ އެކު އެމްއޯޔޫއެއް ހަދައިފި

މިނިސްޓްރީއޮފް އެޑިއުކޭޝަނުން ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމެވެ. އަދި އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖްގެ ޕްރިންސިޕަލް ޑރ.ޖޯސްއީ ކެމްޕޯސް އެވެ. ސޮއި ކުރެވުނީ 5 އަހަރުގެ އެއްބަސްވުމެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. އާއިޝަތު ޝިހާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ކޮލެޖުގައި ރާއްޖޭގެ 23 ދަރިވަރުން މިހާރުވެސް އެމް.ބީ.ބީ،ސީ ހަދަމުންދާ ކަމަށެވެ.

މި ސޮއި ކުރެވުނު 5 އަހަރުގެ އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ޑިޕާޓުމެންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ޕްރީމެޑިިސިން އިން ފެށިގެން ޑޮކްޓަރ އޮފް މެޑިސިން އާއި ހަމައަށް ކިޔެވުމަށް 1 ދަރިވަރަކަށް 100 އިންސައްތަ ޓިއުޝަންފީ ހިލޭ ސްކޮލަޝިފެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އެމްއޯޔޫގެ ދަށުން އިތުރަށް ލިބިގެންދާނެ ފުރުސަތު ތަކުގެ ތެރޭގައި ޑިޕާޓުމެންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ދާ 10 ދަރިވަރަކަށް 10 އިންސައްތަ ޓިއުޝަންފީ ޑިސްކައުންޓެއް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ރާއްޖޭން ބޭރުގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ރާއްޖެއާއި ދެމެދު ސޮއި ކުރެވޭ މިފަދަ އެމްއޯޔޫ ތަކުގެ ސަބަބުން ގިނަ ދަރިވަރުން ތަކަކަށް ފައިދާ ކުރަމުން ދެއެވެ. ކިޔެވުމުގައި ދަރިވަރުންނަށް ލުއި ގޮތްތައް ހޯއްދަވައިދެއްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މިފަދަ މަގުތައް ދަނީ ކޮށްޓަވަމުންނެވެ.