Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ހޮހޮޅައެއްގައި ތާށިވެ، ގެއްލުނު ކުދިންތަކެއް ހޯދަނީ

ތައިލެންޑު ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުޑަކުދިންނާއި އެ ކުދިންގެ ކޯޗް އެ ގައުމުގެ އުތުރުގައިވާ ހޮހޮޅައަކަށް ގެއްލި، އެ ކުދިން ހޯދުމުގެ މަސައްކަތް އެގައުމުގެ ނޭވީން ފަށައިފި އެވެ.

ބެލެވޭ ގޮތުގައި އުމުރުން 11-15 ދެމެދުގެ މިކުދިންނާއި ކޯޗް، ހަނިގޮތަކަށް ވަދެވޭ ގޮތަކަށް ހުންނަ މި ހޮހުޅާގައި ތާށިވީ ހޮހޮޅާއިގެ ތެރޭގައި ތިއްބާ ކުއްލިއަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑު ވުމުގެ ސަބަބުންނެވެ.

ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުމަކަމަށް މިކަން ގެނައީ ގެއްލުނު ކުދިންގެ ތެރެއިން ކުއްޖަކު ގެއަށް ނައުމުން އެކުއްޖާގެ މަންމައެވެ. އެންމެ ފަހަކަށް އެކުއްޖާ ކުރި މެސެޖްގައި މިދަނީ ޓީމް ކުޅުންތެރިންނާއި ކޯޗާއިއެކު ހޮހޮޅައަށް ކަމަށް ބުނެފައި ވެއެވެ. ތަހުގީގު ކުރާ ފަރާތްތަކަށް ވަނީ ހޮހޮޅައަށް ވަންނަ ދިމާލުގައި ޕާކް ކޮށްފައިވާ 11 ބައިސިކަލް ފެނިފައެވެ.

ގެއްލުނު ކުދިންނާއި ކޯޗް ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން ބުނަމުން ދަނީ ދިރިތިއްބާ ފެނުމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި ، ހޮހޮޅައިގެ ތެރޭގައި ކާނެ އެއްޗެއް ނުލިބުނު ކަމުގައި ވިޔަސް ބޯފެން ހުންނާނެ ކަމަށެވެ.

މެދުކެނޑުމެއްނެތި 24 ގަޑި އިރު ހޯދުމުގެ މަސައްކަތް ކުރުމުންދާއިރު މިހޮހޮޅައިގެ ބައެއް ހިސާބުތައް ވަރަށް ހަނި ވެފައި އަދި ދިގުމިނުގައި ގާތްގަނޑަކަށް 3 ކިލޯމީޓަރު ހުރެއެވެ. ބޯ ވިއްސާރައިގެ ސަބަބުން ހޮހޮޅައިގެ އެތެރެ ކިސަޑުވެ ފެންބޮޑުވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް ދަނީ ދަތި ތަކާއި ކުރިމަތިވަމުންނެވެ.