Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ރަށްވެހިކަން ދޫކޮށްލިޔަސް ކުރިމަތިލާން 10 އަހަރު

ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު - ފޮޓޯ: ވީނިއުސް

ރާއްޖޭގެ އިތުރުން އެހެން ޤައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތަށް ކަނޑައަޅަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ވެރިކަންކުރާ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށެވެ.

ރައީސް ކަމަށް ކުރިމަތިލެވޭ މީހުންގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައެވެ. އެ މާއްދާގައިވާ ގޮތުން ބޭރު ޤައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަޤާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ވެސް ނުވެ އެވެ.

އެ މާއްދާއަށް އަކުރެއް އިތުރުކޮށް އިސްލާހު ހުށަހަޅާފައިވަނީ ބޭރުގެ ގައުމެއްގެ ނުފޫޒުން ރާއްޖެ އެއްކިބާ ކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ޤައުމިއްޔަތު ރައްކާ ކުރުމަށް އެ އިސްލާހު މުހިއްމު ކަމަށް ބުނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ވެސް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފަ އެވެ.