ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ދައްކަން ޖެހޭ ފީ ބޮޑު ކުރުމަށް ރިޔާސީ އިންތީޚާބާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އެވެ. އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކުރިއަށް އޮތްތަނުގައި 100،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
އެ ޤާނޫނުގައި މިހާރު އޮންނަީ ގޮތުން އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަން ޖެހޭނީ 40،000 ރުފިޔާގެ ފީއެކެވެ. އަދި އެ ޤާނޫނުގައި މިހާރު އޮތް ގޮތުން ނަމަ، އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތެއް ނަމަ 1500 މީހުންގެ ސޮއި ވެސް ހޯދަން ޖެހޭނެއެވެ.
ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނަށް އިތުރު އިސްލާހުތަކެއް ވެސް ވެރިކަން ކުރާ ޕީޕީއެމް އިން ވަނީ މިއަދު ހުށަހަޅުއްވާފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކަށް ވެފައި ވާ ނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ފަރާތުން ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ވެސް ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފަ އެވެ.