ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބައްވަން ތާަވަލްކޮށްފިއެވެ.
އެގޮތުން މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 13:00 އަށެވެ.
ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.
ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން އެމަނިކުފާނުގެ ފަރަތްޕުޅުން ވަނީ 100 އަށްވުރެ ގިނަ މީހުންގެ ނަން ހިމެނޭ ލިސްޓެއް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި 36 ހެއްކެއް ވަނީ ހުށަހަޅާފައެވެ. އެހެން ނަމަވެސް ހެކީގެ ގޮތުގައި ހުށަހެޅި ނަން ލިސްޓު ކޯޓުން ވަނީ އަނބުރާ ފޮނުވާލާފައެވެ.
ރައީސް މައުމޫންގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ދިފާއީ ހެކިންނާއި ލިޔުންތަކުގެ ލިސްޓު ކޯޓުން ބޭރުކޮށްލީ އެ ލިޔުންތައް ޕްރިންޓް ކުރިއިރު ބޯޑަރު ލައިންތައް ޕްރިންޓް ކުރެވިފައި ނެތުމުން ކަމަށެވެ.
ރައީސް މައުމޫންގެ މައްޗަށް ކުރާ މިދައުވާއަށް އެމަނިކުފާނު ވަނީ އިންކާރު ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އެމަނިކުފާނު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށްފަހު ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެގެންނެވެ.