Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ރާއްޖޭން އީޔޫއާ އެކު މަޝްވަރާތަކެއް ބާއްވަނީ

އީޔޫގެ ވަފްދާއެކު ފޮރިން މިނިސްޓަރު ކުރިން ބޭއްވި ބައްދަލުވުމެއް

މި މަހުގެ 27 އިން 28 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު ރާއްޖެއިން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި އެ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ އިތުރުން ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން ކަމަށެވެ.

ރާއްޖޭގެ ވަފްދުން ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސެސް އާއި ޔޫރަޕިއަން ޕާލިމެންޓްގެ އިތުރުން އީޔޫގެ އެހެން މުއައްސަސާތަކާ ވެސް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މަޝްވަރާތަކުގެ މަޤްސަދަކީ އީޔޫ އާއި ރާއްޖެއާއި މެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

2015 ވަނަ އަހަރުން ފެށިގެން ރާއްޖެ އާއި އީޔޫއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތަކެއް އަންނަނީ ބާއްވަމުންނެވެ.