އިންޑިއާއިން ރާއްޖެއަށް ކާބޯތަކެތި ދޫކުރުމަށް އޮންނަ ކޯޓާ މަދު ކުރިއަސް ދިވެހިންނަށް ބޭނުންވާ ކާބޯތަކެތި އިންޑިއާއިން ލިބުމުގައި ދަތިކަމެއް ނެތްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑާ ހަވާލާދީ އެގައުމުގެ ނޫހަކުން ރިޕޯޓު ކުރި ރިޕޯޓަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެެހެން އަހަރު ތަކާއި އެއްގޮތަށް އަންނަ އަހަރަށްވެސް އިންޑިއާއިން ރާއްޖެއަށް ކޯޓާ ހަމަޖައްސާ ދީފައިވާ ކަމަށެވެ. އަދި އިންޑިއާއިން ދިވެހިންނަށް ގެންނަ ކާބޯތަކެތި އެތެރެ ކުރުމުގައި މައްސަލައެއް ކުރިމަތި ނުވާނެކަމަށެވެ.
އިންޑިއާގެ "ދަ ވަޔާ" އިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް ދޫކޮށްފައިވާ ކޯޓާއަށް ބަދަލު ގެނައީ ފާއިތުވި ތިން އަހަރު ރާއްޖެއަށް އެތެރެ ކުރި މުދަލަށް ބަލައިގެންނެވެ.
އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިން 59،442.17 ޓަނުގެ ފުށް އެތެރެ ކުރި ނަމަވެސް ދެން ދޫކުރާނީ 946.21 ޓަނު ފުށެެވެ. އެއީ 98.4 ޕަސެންޓް ދަށް އަދަދެކެވެ.
މީގެ އިތުރުން ހަކުރުވަނީ 338.47 ޓަނަށް ދަށްކޮށްފައެވެ. ކުރިން ހަކުރަށް ދޫކޮށްފައިވަނީ 11،706.3 ޓަނެވެ. ހަނޑޫ ވަނީ 24،581.07 އަށް ދަށްކޮށްފައެވެ.
މި ބަދަލު އައިސްފައި މިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެ، ދެގައުމުގެ ވެރިންގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާ ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.