މިހާރު ހުރި ހުރިހާ ސިޔާސީ ޕާޓީ ތަކަކީ ވެސް ވަކި މީހެއް ނުވަތަ ވަކި މަދު ބަޔަކު ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީތަކެކެވެ. ގިނަ ރައްޔިތުން ހިތްހަމަ ޖެހޭ އެއްވސް ސިޔާސީ ޕާޓީއެއް ނުވަތަ ފިކުރެއް ނެތެވެ.
އަށްޑިހަ އިންސައްްތަ ރައްޔިތުން ދެކޭ ގޮތުގައި ކަންކަން ނިންމަނީ މަދު ބަޔަކު ބޭނުންވާ ގޮތަށެވެ.ރާއްޖޭގެ ދެބައިކުޅަ އެއްބައި ރައްޔިތުން އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވެއެވެ. އެއްވެސް ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ ވިސްނުމާއި ފިކުރު ތަމްސީލު ނުކުރެއެވެ. އެންމެންގެ ވެސް ދުލު ކުރީގައި އޮންނަ ސުވާލަކީ ދެން ކާކުހޭ ހުރީ؟ ކޮބާހޭ ތިބުނާ ރަނގަޅު މީހަކީ؟ މިއެވެ. ބޭނުންވަނީ ވަކި މީހެއް ނޫނެވެ. މިހާރު އޮތް ނިޒާމް ކަމަކު ނުދެއެވެ. މިހާރުގެ ސިޔާސީ އިޤްދިޞާދީ ނިޒާމް ބިނާވެފައިވަނީ އެންމެ މަތީ ފަންތީގައި ތިބި އެއް އިންސައްތަ މީހުންނަށެވެ. މި ނިޒާމް ބައްޓަން ކޮށްފައި މިވަނީ ގިނަ ފައިސާ ހުންނަ މީހުންގެ ފައިދާއަށެވެ. ގިނަ ރައްޔިތުންނަށް ޖެހިފައި މިވަނީ އަސާސީ ބޭނުންތައް ފުއްދުމަށް ރެޔާއި ދުވާލުބުރަ މަސައްކަތުގައި މުޅި އުމުރު ހުސްކޮށްލާށެވެ.
ދިވެިރާއްޖޭގައި އުޅޭ ނުވަދިހަ ނުވަ އިންސައްތަ މީހުން އުފަންވީއްސުރެ މަރުވަންދެން ހާސްކަމުގެ ވިހަ ބުރެއްގެ ތެރޭގައި ދިރިއުޅެން ޖެހިފައި މިވަނީ އެމީހުންގެ ބަދުނަސީބު ކަމަކުން ނޫނެވެ. ނުވަތަ އެމީހުންގެ ކަންނެތް ކަމަކުންނެއް ނޫނެވެ. މިކަން ކަމުގެ ހަގީގީ ސަބަބަކީ ސަރުކާރުތައް ބަދަލުވަމުން ދިޔަޔަސް ދިވެހިރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ނިޒާމް ރޭވުމާއި ބައްޓަން ކުރުމުގައި 99 އިންސައްތަ މީހުން ބާކީ ކުރެވިފައިވާތީއެވެ. އަދި އެންމެ މަތީ ފަންތީގެ އެއް އިންސައްތަަ އަށްޓަކާ މި ދެންނެވުނު ސިޔާސަތުތައް ގާއިމްކޮށްފައިވާީއެވެ.
ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ކޯޓު ތަކާއި އަދި މިނިވަން މުއައްސަސާތަކަށް މަހުޖަނުންގެ ފައިސާއާއި ބާރުގެ ދިގު އަތް އިންތިހާ އަށް ފޯރުވާ ޒަމާނުއްސުރެން ދިވެހިންނަށް ވިސްނަދީފައި މިވަނީ ދިވެހިރާއްޖެއަކީ ވަރަށް ފަގީރު ވަސީލަތް މަދު ގައުމެއްގެ ގޮތުގައެވެ. ނަމަވެސް މި ގައުމަކީ މުއްސަނދި ގައުމެކެވެ. މިގައުމުގެ ވަސީލަތްތަކުން ވިޔަފާރިކޮށް އެއްކަލަ އެއް އިންސައްތަ މީހުން ވަނީ އިންތިހާއަށް މުއްސަނދި ވެފައެވެ.
މިހާތަނަށް ގާނޫނު އަސާސީއަށާއު ގާނޫނު ތަކަށް ގެނެވުނު ނޭދެވޭ ކޮންމެ ބަދަލެއް ގެނެވިފައިވަނީ އެއް އިންސައްތަ މީހުން ބޭނުންވާ ގޮތަށެވެ. ހުރިހާ ސިޔާސީ ޕާޓީތަކުގެ ބައިވެރިވުމާއި އެކުގައެވެ. ނުވަދިހަ ނުވަ އިންސައްތަ މީހުންނަކީ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ މިނިވަންކަން ނެތް މީހުންނެވެ. ނުވަދިހަ ނުވަ އިންސައްތަ މީހުންނަކީ އަމިއްލަ ނަފްސު ތަމްސީލު ކުރުމުން މަހުރޫމް ވެފައިވާ މީހުންނެވެ. ނުވަދިހަ ނުވަ އިންސައްތަ މީހުންނަކީ އެމީހުންގެ ދިރިއުޅުމާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި ބަސް ކިޔުމުން މަހުރޫމް ކުރުވިފައިވާ މީހުންނެވެ.
ބާރާއި ނުފޫޒު ގަދަ މަދު މަހުޖަނުންނާއި މަދު އާއިލާތަކަކުން އާންމުންގެ މައްޗަށް ގަދަވެގަނެފައިވުން ނިމުމަކަށް ގެންނަން ޖެހެއެވެ. އިޤްދިޞާދީ، އިޖްތިމާޢީ، އަދި ސިޔާސީ ގޮތުން އާންމުން ބާރުވެރިވާން އެބަ ޖެހެއެވެ. މި ހުރިހާ އެންމެންނަށް ވެސް ހައްގުވާ މިންވަރު ލިބި އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ދުވަހެއް ހޯދުމަށްޓަކާ ދިވެހިން ތެދުވާން ޖެހެއެވެ. މިކަން ކުރަން ބޭނުންވަނީ ރައްޔިތުންގެ ފަރާތުން އުފެދޭ އާ ސިޔާސީ ފިކުރެކެވެ. ވައަތު ފިޔައިގެ އާ ސިޔާސީ ވިސްނުމެކެވެ.
މައުލޫމާތު: ނަވާނަވައި