Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކުރީ ރަނގަޅަށް

ޔޮޓް ޓުއާސް ކުންފުނީގެ އެކައުންޓްތައް މީރާގެ އެންގުމަކަށް ފްރީޒް ކުރުމަކީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޔޮޓް ޓުއާސް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

މިދިޔަ އަހަރުގެ މާޗް މަހު މީރާގެ އެންގުމަކަށް ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރީ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ހއ. އަލިދޫ ރިސޯޓާއި ހއ. ބީނާފުށީގެ އިތުރުން ކަނޑާލި ފިނޮޅުގެ ކުލި ނުދެއްކުމުންނެވެ. ޔޮޓް ޓުއާސް އިން އެ އެންގުމާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އެކައުންޓްތައް ފްރީޒް ކުރަން އެންގި އެންގުން ގާނޫނާ ޚިލާފް ކަމަށް ބުނެ އެވެ.

ޔޮޓް ޓުއާސް އިން ކުރި ދައުވާގެ މައްސަލަ ބެލުމަށް ފަހު އިއްޔެ ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ހުކުމް ކޮށްފައެވެ. ކުރި ހުކުމުގައިވަނީ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ އެ ތިން ރަށުގެ ކުލި އެއްބަސްވުންތަކާ އެއްގޮތަށް ދައުލަތަށް ނުދެއްކުމުން ކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެކައުންޓްތައް ފްރީޒް ކުރަން މީރާއިން އެންގި އެންގުމަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށް ކަނޑައަޅާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އަލިދޫ ރިސޯޓާއި ބީނާފުށީގެ އިތުރުން ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.