ކުރީގެ ބަތަލާ ރޭކާގެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ހޫބްސޫރަތު" ގެ އަސްލަށް ބަލައިގެން ފިލްމެއް އުފައްދަން ނިންމައި، އެ ފިލްމުގައި ރޭކާ ކުޅުނު ރޯލަށް ސޯނަމް ކަޕޫރު ތައްޔާރުވާން ފަށައިފި އެވެ.
އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ބުނީ "ހޫބްސޫރަތު" ގެ މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ރޭކާ ކުޅުނު ރޯލް ހަމަ އެހާ ފުރިހަމަކޮށް ފިލްމްގައި ދައްކުވައި ދެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ސޯނަމް ބުންޏެވެ.
"ހޫބްސޫރަތު" އަކީ މަރުހޫމް ޑައިރެކްޓަރު ރިޝިކޭޝް މުކަރުޖީ 1980 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމެކެވެ.
އެ ފިލްމްގައި ކިޔައި ދެނީ ޒުވާން އަންހެން ކުއްޖަކު ޑޮކްޓަރަކު ދެކް ލޯބިވުމުން، އަންހެން ކުއްޖާގެ އާއިލާ އިން އެ ލޯތްބަށް ހުރަސް އެޅުމުން ކުރިމަތިވާ ހާދިސާތަކެވެ.
އެ ފިލްމްގައި ޑޮކްޓަރުގެ ރޯލް އަދާކޮށްފައި ވަނީ ރިތިކް ރޯޝަންގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން އެވެ. އެހެން ނަމަވެސް އާ ފިލްމްގެ އިތުރު ތަރިންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
"ހޫބްސޫރަތު" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޯނަމް ބުނީ ކުރީ ފިލްމްގެ ކެރެކްޓާތައް ހަމަ އެގޮތަށް ދައްކުވައި ދޭން މަސައްކަތް ކުރި ނަމަވެސް، ކުރީ ފިލްމާއި މި ފަހަރުގެ ފިލްމުން ބޮޑެތި ތަފާތުތަކެއް ފެނިގެން ދާނެ ކަމަަށެވެ.
ސޯނަމްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ފަރްހާން އަހްތަރާ އެކު ފެނިގެންދާ "ބާގް މިލްކާ ބާގް" އާއި ދަނޫޝް އާ އެކު ކުޅެފައިވާ "ރަންޖާނާ" ހިމެނެ އެެވެ.