Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

އެމްޑީޕީން ގައުމީ ލަފާ ދޭ ކޮމެޓީ ބޮއިކޮޓްކޮށްފި

ފޮޓޯ: އަވަސް

އިލެކްޝަން ކޮމިޝަން(އީސީ) އިން އަންނަ ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން މިއަދު ބޮއިކޮޓްކޮށްފި އެވެ.

އެމްޑީޕީއިން ކުރިއަށް ގެންދާ ރިޔާސީ ކެމްޕެއިނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ މިއަދުގެ ބޭއްވި ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކުރައްވުމަށްފަހު ކޮމެޓީ ދޫކުރައްވާ ނުކުމެވަޑައިގެންނެވެ. ޝިފާޒު އިތުރަށް ވިދާޅުވީ އިއްޔެ އެމްޑީޕީއިން "ޖަޒީރާ ރާއްޖެ" ޕޯސްޓަރުތަކެއް ހަރުކުރުމަށް ބޭއްވި ހަރަކާތް ފުލުހުން ފޮނުވައިގެން ހުއްޓުވާފައިވާ ކަމަށެވެ. އަދދި އެމްޑީޕީއިން ބޭއްވި ދުވުން ވެސް ފުލުހުން ހުއްޓުވާފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސް އަޅާކަން އީސީގެ ރައީސް އަހުމަދު ޝަރީފު ވެސް ގަބޫލު ކުރައްވާ ކަމަށް ޝިފާޒްވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެއްވެސް މަސައްކަތެއް ޝަރީފު ނުކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެެވެ. އެކަންތައް ގަބޫލު ކުރައްވާއިރު އެކަމާ ގުޅޭ ގޮތުން ބަޔާނެއް ވެސް ނެރުއްވަން އީސީއަށް ނުކުރެނު ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އެކަންކަމަށް ހައްލެއް ހޯދައިދިނުމުން އެބޭފުޅުން ތިއްބެވީ އީސީއާއިއެކު ކުރިޔަށްދާން ތައްޔާރަށް ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީޕީއެމްއިން ކެމްޕެއިން ގެންދަވަނީ ކުރިޔަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝިފާޒް ވިދާޅުވީ، ކެމްޕެއިނު ކުރުމުގެ ފުރުސަތު ސަރުކާރަށް ދިނުމަށްފަހު އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު އެފަދަ ހާލަތެއްގައި އީސީއިން އެއްވެސް ފިޔަވަޅެއް ނާޅާއިރު އެ ކޮމިޝަނާއެކު އެމްޑީޕީއިން މަސައްކަތް ކުރުމަކީ ޕާޓީގެ އާންމު މެންބަރުން ރުހޭނެ ކަމެއް ނޫން ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީއިން މީގެކުރިން ވަނީ އީސީއިން އިންތިޒާމްކޮށްގެން ބޭއްވި ހުރިހާ ބައްދަލުވުމަކަށް ވެސް އެއްބާރުލުންދީފަ އެވެ. މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ މެންބަރުންނާ އީސީއިން ވަކިން ބައްދަލުކުރުމަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަން ވަމުންދާއިރު ބައިވެރިވާ ހުރިހާ ފަރާތްތަކަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހަމަހަމަ ކަމާއެކު ލިބިގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިނިވަން ދެފުށް ފެންނަ އިންތިޚާބެއް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ރައްޔިތުން އެދޭނެ ގޮތްކަން ޔަގީނެވެ. ރައްޔިތުންގެ އެ އެދުމަށް ސަރުކާރާއި އެހެން ޕާޓީތަކުން ވެސް އިޖާބަ ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.