ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރެސް ސެކްރެޓަރީގެ މަގާމް އަދާ ކުރެއްވި މުހައްމަދު ޒުހައިރު ސިވިލް ކޯޓުގައި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރުމަށް ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ ހަ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މުހައްމަދު ޒުހައިރު ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރުވެފައިނުވާތީވެ، ބަންދުގައި ބަހައްޓައިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ 10:40 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރު ކޮށްފައިވާތީ ކަމަށެވެ.
މި އަމުރާއި ގުޅިގެން ފުލުހުން އިތުރު 5 މީހަކު ވެސް ދަނީ ހޯދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ، ދަފްތަރު ނަންބަރު 4976، އިބްރާހީމް އަޒްމީލްއާ ސ. ހިތަދޫ، ރީލް މަންޒިލް މުހައްމަދު ލަތީފާއި ސ. ހިތަދޫ، ސައުތްކްރޯސް މޫސާ މުންތަސިމާއި މާލެ، ހ. މިނީގާރޑްން މުހައްމަދު ޔާސިރު ސ. މަރަދޫ، މައިޒާން މުހައްމަދު ފަރުސީދު އެވެ.
މި ފަސް މީހުންވެސް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވެފައިނުވާތީ އެވެ. ހަމައެހެންމެ މުހައްމަދު ޒުހައިރު ވެސް ހޯދަނީ ކޯޓަށް ހާޒިރުވެފައި ނުވާތީއެވެ.