Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

ގެއްލުނު ތައިލެންޑް ފުޓްބޯޅަ ޓީމް އަދިވެސް ނުފެނޭ

މިދިޔަ ހޮނިހިރު ދުވަހު ތައިލެންޑު އުތުރުގައިވާ ހޮހޮޅައަކަށް ގެއްލުނު އެގައުމުގެ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ 12 ކުދިންނާއި އެ ކުދިންގެ ކޯޗް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އެބަގެންދެއެވެ.

ތައިލެންޑް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި އެކުދިން ސަލާމަތް ކުރުމުގައި ވަގުތު ކުޑަވަމުންދާކަމަށާއި ފެންބޮޑުވެފައިވާ ހޮހޮޅައަށް ވަދެވޭ އެހެން ދިމަދިމާ ހޯދުމުގެ މަސައްކަތް އަވަސް ކުރަންޖެހިފައިވާ ކަމަށެވެ.

ތައިލެންޑުގެ އިންޓީރިއަރ މިނިސްޓަރ ވިދާޅުވީ ހޮހޮޅައިގައި ފީނައިގެން ހޯދުމުގެ އިތުރަށް އެހެނިހެން ގޮތްގޮތަށް، ގެއްލިފައިވާ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. ކުދިންނާއި ކޯޗު ގެއްލުނުތާ މިހާރުވަނީ 4 ދުވަސް ވެފައެވެ.

ބޯ ވިއްސާރާއިގެ ސަބަބުން ޓީމް ހޯދުމުގައި ދަތިތައް ކުރިމަތިވަމުންދާއިރު އެގައުމުގެ އިންޓީރިއަރ މިނިސްޓަރ ވިދާޅުވަފައިވަނީ ކުދިންނާއި ކޯޗު ދިރިތިއްބާ ފެނުމުގެ އުންމީދު ބޮޑު ކަމަށެވެ. ފުޓްބޯޅަ ކުޅުންތެރިންނަށް ވުމުން ސިއްހީ ގޮތުން ވަރުގަދަ ވާނެ ކަމަށާއި އަދި މީގެ ކުރިންވެސް އެކުދިން ހޮހޮޅައަށް ވަދެފައިވާފައި ކަމަށެވެ.

ހޯދުމުގެ މަސައްކަތް ކުރުމަންދާ ފަރާތްތަކަށް މީގެ ކުރިންވަނީ މިކުދިން ދުއްވަން ގެންގުޅުނު ބައިސްކަލުތައް ހޮހޮޅައިގެ ބޭރުން ފެނިފައެވެ. އިދި ބައެއް ކުދިން ގެންގުޅުން ދަބަސްތަކާއި ބޫޓުތައް ވަނީ ހޮހޮޅައިގެ އެތެރެއިން ފެނިފައެވެ.

ގެއްލުނު ޓީމް ހޯދުމުގެ މަސައްކަތުގައި އެގައުމުގެ ނޭވީއާއި ވޮލެންޓިއަރުން ހިމެނޭ ގޮތަށް 1000 އެއްހާ މީހުންގެ ޓީމެއް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އެމެރިކާގެ ސަރުކާރުން ދަނީ މިކުދިން ހޯދުމުގެ މަސައްކަތުގެ ބައިވެރިވުމަށް ހާއްސަ ޓީމެއް ފޮނުވުމަށް ތައްޔާރުވަމުންނެވެ.