އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން އަބްދުﷲ މާފުށީ ޖަލުން ގޭ ބަންދަށް މިއަދު ބަދަލުކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން 2015، މޭ އެއްވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ޝެއިޚް އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައި، 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނިކޮށް، މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އިދިކޮޅު 9 ލީޑަރަކު މިނިވަން ކުރުމަށް ކުރި ހުކުމުގައި، ޝެއިޚް އިމްރާންވެސް ހިމެނެއެވެ.
ނަމަވެސް އެ ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކުރުމަށް ފަހު، ބާކީ ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ. ޝެއިޚް އިމްރާން ވަނީ މީގެ ކުރިންވެސް ދެ ފަހަރު މަތިން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްފައެވެ.
އެންމެ ފަހަކަށް ޖަލަށް ބަދަލުކުރުމަށް ފަހު އިމްރާން ޖަލުގައި ބަހައްޓާފައިވަނީ ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްތަކާއި އެއް ގޮޅި ބަރިއެއްގައި ކަމަށް ބުނެ އިމްރާންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.