Last Updated: June 9, 18:15
Tuesday, June 9, 2026
ޚަބަރު

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެނީ

ފޮޓޯ: މިހާރު

މަތީ ތައުލީމު ހާސިލްކުރުމުގެ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންގެ ތެރެއިން ލޯނު ދޭނެ ދަރިވަރުން ކަނޑައެޅުމުގައި މިފަހަރު ގުރުއަތު ނުނަގާނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފިއެވެ. އޭގެ ބަދަލުގައި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭނެ ކަމަށް އެޑިޕާޓްމަންޓުން ބުންޏެވެ.

ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ޖާގަ ދޭން ނިންމީ ކަމަށް އެ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ. މިދިޔަ މާޗު މަހު ވަނީ މަތީތައުލީމުގެ 500 ފުރުސަތު ހުޅުވާލާފައެވެ. ޑރ. ނަޒީރު ވިދާޅުވީ އެ 500 ފުރުސަތަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށެވެ.

ފާއިތުވި ތަނުގައި ކަންތައް ކުރަމުން އައި ގޮތަކީ ކަނޑައަޅާފައިވާ ޖާގައަށް ވުރެ އިތުރަށް ދަރިވަރުން ކުރިމަތިލައިފި ނަމަ، ލޯނު ލިބޭ ދަރިވަރުން ގުރުއަތު ނަގައިގެން ހޮވުމެވެ. ނަމަވެސް މިފަހަރު މި ގެނެވުނު ބަދަލުން ޝަރުތު ހަމަވާ އެއްވެސް ކުއްޖަކު އެ ފުރުސަތުން މަހުރޫމް ނުވާނެއެވެ.

މިފަހަރު ރާއްޖެ އާއި ސާކުގެ ގައުމުތަކުގެ އިތުރުން، ޗައިނާ، މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ކިޔަވަން ހުޅުވާލި ފުރުސަތަށް 600 އެއްހާ ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 595 ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ. ޑރ. ނަޒީރު ވިދާޅުވީ ޖާގަ ނެތުމުން، ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން 95 ދަރިވަރަކު ބާކީވި ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް ވެސް ފުރުސަތު ދިނުމަށް، ލޯނު ދިނުމުގެ އުސޫލަށް ބަދަލު ގެނައީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑީއެޗްއީން މިހާރު ވަނީ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ. އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ޑީއެޗްއީން ބުންޏެވެ.

ސަރުކާރުން ވަނީ މަތީ ތައުލީމަށް މިހާތަނަށް 4000 އަށްވުރެ ގިނަ ފުރުސަތު ފަހިކޮށްދީފަ އެވެ.