Last Updated: June 27, 20:02
Saturday, June 27, 2026
ރިޕޯޓް

އަންހެނުންގެ ހައްޤުތަކާއި އަނދިރި ފަރާތް

އަންހެނުންގެ ހައްގުތަކާއި އެ ކަނބަލުންނަށް ދެވޭ އަނިޔާތަކުގެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. އަދި އެވާހަކަތައް ދައްކަން ވެސް ޖެހެއެވެ. މި އަޑުތައް އެންމެ ގަދައީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކާއި ޖަމާޢަތްތަކުގެ ތާޅަފިލިތަކުގައެވެ. އަންހެނުންނަށް އަބަދުވެސް ކޮންމެ ވެސް ހައްގެއް ނުލިބިގެން ލޮލަށް ނިދި ނައިސްގެން އުޅޭ ފިސާރި އަންހެނުންގެ ދޫތަކުގައެވެ. ޚާއްސަކޮށް މިފަދަ ހައްގުތަކުގެ ވާހަކަ މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ގުޅުވުމަކީ މިވެރިން ގެންގުޅޭ އުކުޅެކެވެ.

މި ބުނާ ހައްގުތަކުގެ ވާހަކަ ތަކަކީ މި ދިވެހި މުޖުތަމަޢު ތެރެއިންވެސް މިހާރު ވަރަށް ގިނައިން އިވޭ ވާހަކަތަކެކެވެ. މިބުނާ ހައްގުތަކުގެ އަނދިރި ފަރާތަށް ކަޅިއެއް އެއްލާލުން ކިހިނެތްވާނެތޯއެވެ؟ މިބައިމީހުން ބުނާ ގޮތުގައި އިސްލާމްދީން ވަނީ އަންހެނުންނަށް އަދަބު ދީފައެވެ. އެ ކަނބަލުންގެ މިނިވަންކަން ގެއްލުވާލާފައެވެ. ފިރިހެނުންގެ މުދަލަކަށް ހަދާފައެވެ. ތަޢުލީމާއި މަސައްކަތުގެ މާހައުލުން އަންހެނުންވަނީ ބާކީ ކޮށްފައެވެ. މިބައިމީހުންގެ މި ދައުވާގައި މިއަދު ޅަ ދަރިން ވަނީ މޮޑެލް ކުރާ ރަންވޭ ތަކުގެ މައްޗަށް ނެރެފައެވެ. ފުޓުބޯޅަ ދަނޑުތަކާއި ފަތާ ފެންގަނޑު ތަކަށް ނެރެ، އަންހެނުންގެ އަންހެން ވަންތަކަން ވަނީ ގެއްލުވާލާފައެވެ. ފިލްމު ކުޅުމާއި ލަވަ ކުޅުމާއި އިޝްތިހާރުތަކުގެ ތެރެއިން އެ ކަނބަލުންގެ އޮރިޔާން ވަނީ ކަޝްފު ކޮށްފައެވެ.

ހަމަހަމަ ކަމުގައި ހުޅަނގުން މިއަދު ކިޔާ ލަވަތަކަށް ދިވެހި މުސްލިމް އަންހެންތަކުން ވަނީ ނަށަން ފަށާފައެވެ. ސުވާލަކީ އެ ވިދާޅުވާ ހައްގުތަކަކީ މިއީތޯއެވެ. މިމޭރުމުން މިބައިމީހުން ބުނާ އަނެއް ވާހަކަ އަކީ އިސްލާމްދީނުގައި އަންހެނުން، ފިރިހެނުންގެ ޣަނީމާ މުދަލަކަށް ހަދާފައިވާ ވާހަކައެވެ. އަންހެނާގެ މިނިވަންކަން ގެއްލުވާލާފައިވާ ވާހަކައެވެ. އެގޮތުން މި ފަރިހި ރައިވަރުގެ ނިވަލުގައި ވަހުޝީ ފިރިހެނުން އެބައިމީހުންގެ ބޭނުންތައް ފުއްދުމުގައި އަންހެންތަކުން ބޭނުންކުރެއެވެ. އެބައިމީހުންގެ ޖިންސީ އެދުންތަކާއި ޝަހުވަތްތައް ހާޞިލް ކުރުމަށް އަންހެންތަކުން އަގެއް ނެތް އެއްޗަކަށް ހަދާލައެވެ. އަދި އޭގެ ސަބަބުން މުޖުތަމައުގައި އުފެދޭ ފަސާދައާއި ބަލި މަޑުކަމަށް ލޯ މަރާލާ ހައްގުތަކުގެ ބޯޑުތަކާއި މުޒާހަރާތަކަށް މީސްތަކުންގެ ލޯތައް އަނބުރާލައެވެ. އެއަށްފަހުގައި މުޖުތަމައުގައި އަންހެނާ ފަޟީހަތްވެ ބޭޒާރުވެ ހައްދުތަކުގެ އަދަބަށް ހުށަހެޅުމުން އިސްލާމްދީނަށް އެއްޗެހި ކިޔައެވެ. އެއާއެކު އަނެއްކާ ވެސް ހައްގު ތަކުގެ ގޮވެލިފަތި ގޮވަން ފަށައެވެ.

އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކުގައި މިބައިމީހުން އެންމެ ކަންބޮޑުވާ އެއް ކަމަކީ އަންހެނުންގެ ތައުލީމާއި މަސައްކަތް ކުރުމުގެ ހައްގު އިސްލާމްދީން ނިގުޅައިގެންފައިވާ ވާހަކައެވެ. އެ ގޮތުން ރާނާ ސިމެންތި ޖަހާ މަސްވެރިކަން ކޮށް ނަޖިސް ވަޅުތައް ވެސް އަންހެން ކަނބަލުންނަށް ސާފު ކުރެވެން ޖެހޭނެ ކަމަށް މިބައިމީހުންގެ ގޮވެލިތަކުން މުރާދު ކުރެއެވެ. އެހެން ނަމަވެސް މި ޝިއާރުގެ ފުރަގަހުގައި ވަނީ މަކަރާއި ހީލަތެވެ. ހިލޭ ފިރިހެނުންގެ ތެރެއަށް ޒުވާން ޖިންސުއްލަޠިފުން ނެރެ، އެ ކަނބަލުންގެ ލަދު ޙަޔާތް ކަނޑުވާ ޖިންސީ ގޯނާތަކާއި ފުރައްސާރަތަކުގެ ޝިކާރަތަކަށް އެ ކަނބަލުން ހެދީ މިބައިމީހުންނެވެ.
އިސްލާމީ އުސޫލުތަކާއި ބީރައްޓެހި ގޮތްތަކަށް ސްކޫލްތަކާއި އޮފީސްތައް ބައްޓަން ކޮށް، އިސްލާމްދީނުގައި ތައުލީމާއި މަސައްކަތް ކުރުމަށް ދެވިފައިވާ ހައްދު ތައް ބަންދު ކުރީ މިބައިމީހުންނެވެ. އިސްލާމީ ފޭރާމުން ފޭރާންއަޅާ އުޚްތުންވަނީ ވަޒީފާތަކުން ވަކިކޮށް ގެއަށް ފޮނުވާލަނީ ހުޅަނގުގެ ކާފަރުންވެސް ކަން ނުކުރާ އުސޫލުންނެވެ. މޫނު ބުރުގާ އެޅުން ޙަރާމްކަމަށް ނުވަތަ މަކްރޫހަ ކަމަށް ބުނާ އެއްވެސް ޢިލްމުވެރިޔަކު ނެތް އިރު ސަތޭކަ އިންސައްތަ މުސްލިމް ކަމަށް ދައުވާކުރާ މި އިސްލާމީ ގައުމުގާ ކަން މިކުރަނީ ކޮން ހަމަޔަކުންބާއެވެ؟

އެހެން ކަމުން އެ ވިދާޅުވާ ހައްގުތައް އަޅުގަނޑުމެންނަށް ނުހަނު ރަނގަޅަށް އެނގެން އެބަ ޖެހެއެވެ. އެހެނީ އިސްލާމްދީން ވަނީ އަންހެނާއަށް ރައްކާތެރިކަން ހޯދައިދީފައެވެ. ސަލާމަތްތެރިކަން ލިއްބައިދީފައެވެ. އިސްލާމީ ޖިލްބާބުގައި މިއުއްމަތުގެ ސަޙާބިއްޔާތުން ވަނީ ހަނގުރާމަތަކުގައި ބައިވެރިވެލައްވާފައެވެ. ފަރުވާދޭ ނަރުހުންގެ ގޮތުގައެވެ. ފެން ފޯރުކޮށްދޭ ވޮލަންޓިއަރުންގެ ގޮތުގައެވެ. މީސްތަކުންނަށް އުނގަންނައިދޭ މުދައްރިސާއިންނާއި މުއައްލިމާއިން ގޮތުގައެވެ.
މިހާރުވެސް އިސްލާމީ އުސޫލުތައް ދަމަހައްޓާ ގައުމުތަކުގައި ކަން އޮތީ ހަމަ މި މޭރުމުންނެވެ. ސައުދީ އަރަބިޔާ ފަދަ ގައުމުތަކުގައި އަންހެން ކުދިންނަށް ހާއްސަ ސްކޫލްތަކާއި ޔުނިވާސިޓީތައް ހެދިފައިވެއެވެ. އެތަނުގެ ދަރިވަރުންނާއި މުދައްރިސުންނަކީ ވެސް ނިވާވެގެން ތިބޭ ކަނބަލުންނެވެ. ޕްރިންސިޕަލުންނާއި ސުޕަވައިޒަރުންނަކީ ވެސް ހަމަ އެ ކަނބަލުންނެވެ. ހޮސްޕިޓަލް ތަކުގައި ޑޮކްޓަރުކަމާއި ނަރުސްކަން ވެސް ކުރެއެވެ. އަދި ބޭންކު ތަކާއި ސަރުކާރު އޮފީސްތަކާއި މަޖިލިސް ގޭގައި ވެސް އަންހެން ކަނބަލުންނަށް ހާއްސަ ބައިތަކެއް ހެދިފައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން އަންހެން ކަނބަލުންނާއި ފޮށުމާއި އިއްފަތްތެރިކަން ފޭރުމުގެ ހާދިސާ ތަކަކީ ސައޫދީ އަރަބިޔާގައި ހިނގުމަކީ ނުހަނު ނާދިރު ދުރުކަމެކެވެ.

ވީއިރު ދިވެހިރާއްޖެއަށް ވުރެ އާބާދީ އެތައް ގުނައެއް ބޮޑު ގައުމުތަކުގައި އިސްލާމީ އުސޫލާއި އެއްގޮތަށް މިކަންކަން ކުރަމުންދާ އިރު މިވެރިން މިދައްކާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިބާއެވެ؟ އިންސާނީ ހައްގުތަކުން ދިވެހި އުޚުތުން ބާކީ ކުރަމުންދާ އިރު ހައްގުތަކުގެ ވާހަކަ ދައްކާ ފެމިނިސްޓުން ކޮބައިބާއެވެ؟ ދިވެހިރާއްޖޭގެ އިލްމުވެރިންނާއި ދީނަށް ލޯބިކުރާ މީހުން ފިޔަވާ މިކަމާއި ދެކޮޅަށް ބަހެއް ބުނަމުންދާ ވުޒާރާއެއް ސިޔާސީ ޖަގަހަ އެއް ވޭބާއެވެ؟ އަންހެނުން ނިކަމެތި ކުރަނީ އިސްލާމްދީން ބާއެވެ؟ ނުވަތަ މިބައިމީހުން އަމިއްލައަށް ހަދާފައިވާ ގަވާއިދު ތަކާއި ގާނޫނުތައް ބާއެވެ؟ އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކުގެ ނުފެންނަ އަނދިރި ފަރާތަކީ ކޮބައިބާއެވެ؟

މައުލޫމާތު: ނަސޭހަތް ޕޭޖް