އެމްޑީޕީން މިއަދު ހަވީރު މާފަންނު ސަރަހައްދުގައި "ޖަޒީރާ ރައީސް" ކެމްޕެއިން ޕޯސްޓަރު ހިއްޕަމުން ދަނިކޮށް ފުލުހުން ނިކުމެ ދެ މިހަކު ހައްޔަރުކޮށް ޕޯސްޓަރު ތައް ނައްޓައިފިއެވެ.
ޕޯސްޓަރު ހަރުކުރަމުން ދަނިކޮށް ފުލުހުން ހުރަސް އަޅައި ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑާ) އާއި އެމްޑީޕީގެ ޔޫތުވިންގު މެމްބަރު މައިމޫނެވެ.
މި ހަރާކާތުގައި އެމްޑީޕީގެ ނައިބް ޗެެއާޕާސަން އަލީ ނިޔާޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އާއި މާރިޔާ ދީދީގެ އިތުރުން ބައެއް އެމްޑީޕީ މެމްބަރުން ހަރަކާތްތެރިވިއެވެ.
ފުލުހުން ޕޯސްޓަރުތައް ނައްޓައި ބައެއް ޕޯސްޓަރު އަތުލައިގެން ގޮސްފައިވާ އިރު އެއީ ކޮން އުސޫލަކުން ކުރިކަމެއްކަން ސާފެއް ނުވެއެވެ. "ޖަޒީރާ ރައީސް" ޕޯސްޓަރުގައި ވަކި މީހެއްގެ ނަން ނެތް ނަމަވެސް އެ ޕޯސްޓަރު ތަކަކީ އެމްޑީޕީން ރިޔާސީ އިންތިހާބަށް ހާއްސަކޮށް ލޯންޗު ކުރި ޕޯސްޓަރުތަކެކެވެެ.
ފުލުހުންގެ މިއަމަލާއި ގުޅިގެން މެމްބަރު އީވާ އަދި މާރިޔާ ވިދާޅުވީ މިއަދު ފެންނަ މަންޒަރަކީ ރައީސް ޔާމީންގެ ސަރުކާރުގެ މުވައްސަސާ ތަކުން ފުލުހުން ނެރެ ފުލުހުން ލައްވައި ޢައިރު ގާނޫނީ އަމަލު ހިންގުވާ މަންޒަރުކަމަށެވެ.