ފޭދޫ ބޮޑު މަގުގައި ހުންނަ ޓެޓްސޯ ރެސްޓޯރެންޓު ކައިރިން ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ސީރިއަސް އަނިޔާ ލިބި އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ ދަންވަރު 1:30 ހާއިރުއެވެ. މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބިފައިވަނީ ފޭދޫ އަފްރާހު (ޔޫޓީ)އަށެވެ.
އެކްސިޑެންޓްވި ދެވަނަ ސައިކަލް ދުއްވަން އިނީ ފޭދޫ މީހަކާއި އިނދެގެން އުޅޭ ހިތަދޫ ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. މި ހާދިސާގައި ހުސެއިންއަށް ވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. ހުސެއިން އަކީ ފޭދޫގައި ހުންނަ ލިއޯ ކުންފުނީގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓް ހިނގީ އަފްރާހު ބޮޑުމަގުން ގަމާއިވީ ކޮޅުން ނުގަވާއިދު ފަޅިން ބާރު ސްޕީޑުގައި އައިސް ހުސެއިން ދުއްވަމުން އައި ސައިކަލްގައި ޖެހިގެން ކަމަށެވެ.
އަފްރާހުގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ އިރު ހޮސްޕިޓަލަށް ގެންދިޔައިރު ހޭނާރާކަމަށް މައުލޫމާތު ލިބެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސިނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ރޭ ހިތަދޫ ހޮސްޕިޓަލަށް ގެނެސްފައިވާ އިރު ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށެވެ. އެދެމީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށެވެ.
"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ވެންޓިލޭޓަރގެ އެހީގައި ފަރުވާ ދެމުން ދަނީ އަފްރާހުއަަށެވެ.
ނަޖީބް ވިދާޅުވީ ދެމީހުން އާސަންދައިގެ ދަށުން އިތުރު ފަރުވާއަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާދިސާ ހިނގާފައިވާ އިރު މިވަގުތު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެކްސްރޭ ނުނެގޭކަން ފާހަގަކޮށްލަން ޖެހެއެވެ.