އެމްއެންޑީއެފް އުވާލަން ވިސްނާފަދަ "ކޮސް" ބަޔަކު ދިވެހިން ވެރިކަމަށް ނުހޮވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ޝަރީފު މިފަދައިން ވިދާޅުވެފައި މިވަނީ މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު އެދޭ ވެރިކަމެއްގައި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އުވާލައި ކޯސްޓް ގާޑާއި މެރިން ޕޮލިސް އުފައްދާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި އެބޭފުޅާގެ ފޭސްބުކް ސްޓޭޓަސްގައެވެ.ޝަރީފު ވިދާޅުވީ އެމްއެންޑީއެފް އަކީ ގައުމުގެ އައްޑަނަކަށެވެ.
ސުއޫދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެމްއެންޑީއެފްއަށް ދުވާލެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 7 މިލިއަން ރުފިޔާ ހަރަދު ކުރައްވާ ކަމަށާއި، އެމްއެންޑީއެފް އުވާލައި އެފައިސާ ހަރަދު ކުރައްވާނީ އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކަމަށެވެ.
ޑިފެންސް މިނިސްޓަރ ޝަރީފު އަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ އެސްޕީޖީ ސިފައިންނާއި ބައްދަލުކުރައްވައި، އެމަނިކުފާނު އެބޭފުޅުންގެ މަގާމުގައި ހުންނެވިނަމަ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރުމުން ކެތްތެރިކަން ކޮޅުލައިގެން ގޮސް އެއިން މެމްބަރެއްގެ ދަތްދޮޅި ދުއްވާލީމުސް ކަމަށް ވިދާޅުވި މިނިސްޓަރެކެވެ.