މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭ ދުވަސް އޮޅި އެކަން ސާފު ކުރުމަށް އެޓާނީ ޖެނެރަލްގެ ލަފާއަކަށް އިލެކްޝަން ކަމިޝަން (އީސީ)ން އެދިއްޖެ އެވެ.
އީސީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިހާރު ހިނގަމުންދާ ރިޔަސީ ދައުރުގެ މުއްދަތާއި މެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށެވެ. އެގޮތުން ބައެއް މެމްބަރުންނަށް މި ރިޔާސީ ދައުރުގެ މުއްދަތު ހަމަވަނީ އަންނަ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހަށެވެ. އަދި އަނެއްބައި މެމްބަރުންގެ ނަޒަރުގައި އެ މުއްދަތު ހަމަވާނީ ނޮވެމްބަރ 17އަށެވެ.
ޝަރީފް ވިދާޅުވީ މިކަމަކީ އެ ކަމިޝަނަށް ނިންމޭނެކަމަކަށް ނުވާތީ އެކަން ސާފު ކުރުމަށް ލަފައަކަށް އޭޖީގައި އެދިފައިވާ ކަމަށެވެ.
އިލެކްޝަނުން ވަނީ ރިޔާސީ އިންތިހާބް ބާއްވާ ތާރީހު އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަށް ނިންމައި ފައިނަލް ވޯޓާސް ލިސްޓު ޖުލައި 1 ވަނަ ދުވަހު އާއްމު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.