Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ޝަންގްރިއްލާގެ ޑިކޯ ޗެމްބަރު އަންނަ މަހު ބަންދު ކުރަނީ

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި ޑައިވިން ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަދާފައިވާ ޗެމްބަރު ބަންދުކުރުމުގެ މަޝްވަރާތަކެއް ރިސޯޓުގެ މެނޭޖްމަންޓުން ކުރުމަށްފަހު އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަންދު ކުރަން ނިންމައިފި އެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑީކޯ ޗެމްބަރ ބަންދު ކުރާކަން ރަސްމީކޮށް މިހާރު ވަނީ އެތަނުގެ މުވައްޒަފުންނަށް އަންގައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެމްބަރު ބަންދުކުރުމަށް މެނޭޖްމަންޓުން ނިންމީ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އެެގޮތުން އެންމެ ފުރަތަމަ އެކަމުގެ މަޝްވަރާ ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ.

ސަރުކާރުގެ ޑީލަކުން 99 އަހަރަށް ވިއްކާފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގައި ހުންނަ ޗެމްބަރު ބަންދުކޮށްފި ނަމަ އެއީ ދެކުނުގެ މަސްވެރިންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ޑީކޯވި ގިނަ ބަޔަކަށް ޝަންގްރިއްލާގެ ޗެމްބަރުގައި ވަނީ ފަރުވާ ދީފައެވެ. އެގޮތުން ހުވަދޫ އާއި ފުވައްމުލަކުން ޑީކޯވި މީހުންތައް ހެލިކެޕްޓަރގައި ވަނީ ޝަންގްރިއްލާއަށް ގެނެސް ފަރުވާ ދީފައެވެ. އަދި އެފަރުވާގެ ސަބަބުން އެމީހުންގެ ފުރާނަ ސަލާމަތް ކުރެވިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ޑީކޯ ވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި މިވަގުތު ހުރީ އެންމެ ތިން ޗެމްބަރެވެ. އެއީ ކުރެއްދޫގައި ޗެމްބަރާއި، ޝަންގްރިއްލާގެ އިތުރުން، ބަނޑޮހުގައި ހަދާފައިވާ ޗެމްބަރެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޑީކޯ ވުމުގެ މައްސަލަ ކުރިމަތިވާ ފަރާތްތައް ފަރުވާ ދިނުމަށް ޗެމްބަރާ ހަމައަށް ގެންދަން އިތުރު ވަގުތު ނަގާ ނަމަ އެ މީހެއްގެ ހަށިގަނޑު އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ.