Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ޔާމީނަށް ބައިއަތު ހިފަން ގާސިމަށް ހުށަހަޅައިފި

ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފައްޓަވާފައިވާ އިރު، އެ މަނިކުފާނުގެ ކެމްޕޭން ޓީމުން އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު، އޮނަރަބަލް ގާސިމް އިބްރާހިމަށް، އެއްވެސް ޝަރުތަކާ ނުލާ ރައީސް ޔާމީނަށް ބައިއަތު ހިއްޕެވުމަށް ދައުވަތު އަރުވައިފި އެވެ.

ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ސެކެޓްރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ކިތަންމެ ބުރަ މަސައްކަތެއް ކުރެއްވިޔަސް، އެމްޑީޕީ އަކީ އެހެން ޕާޓީއަކަށް ދޫދޭނެ ޕާޓީއެއް ނޫން ކަމަށާއި، އަނެއްކާވެސް ގާސިމަށް ކެހި ދީފައިވާތަން ފެނިގެންގޮސްފި ކަމަށެވެ.

އަދި ޖަވާބުގައި ގާސިމް އިބްރާހިމް، ގައުމަށް ވަފާތެރި ރައީސް ޔާމީނާ، އެއްވެސް ޝަރުތަކާ ނުލާ ގުޅިވަޑައިގަތުމަށް ޚަލީލް ވަނީ ދައުވަތު އަރުވާފައެވެ. އިދިކޮޅު ފަރާތްތަކުން، ގުޅިގެން އިއްތިހާދެއް އުފައްދައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަށް އަލިކަމެއް ނުލިބި، ބައިބައިވުން އުފެދިފައިވާ މިދަނޑިވަޅުގައި ގާސިމް އިބްރާހިމް ވަނީ އެމްޑީޕީ ނުހިމެނޭ ހިޔަނި ކެބިނެޓެއް ވެސް އިއުލާން ކުރައްވާފައެވެ.

ނަމަވެސް ގާސިމް ވަނީ ރައީސް ޔާމީނާއެކު ހެދުނު އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު، އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފަމުން، ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކާން ދިނަސް، ދެން ޔާމީނާ އެއްކޮޅަށް ނާރާނެ ކަމަށް ހަރު އަޑުން ގާސިމް އިދކޮޅު ފަރާތްތަކުން އޭރު ޖަލްސާ ކުރަމުން ދިޔަ ހަރުގޭގައި ވިދާޅުވި ވިދާޅުވުމަކީ އޭރު ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑަށް ވައިގައި ހިފައިގެން ދިޔަ ޚަބަރެކެވެ.

ރާއްޖޭގައި މިހާތަނަށް ގިނަ ޕާޓީތަކަށް ވާދަކުރުމުގެ ފުރުސަތު ދީގެން ބޭއްވި ދެ އިންތިޚާބުގައި ވެސް ބައިވެރިވެވަޑައިގެންނެވި ގާސިމް ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވެ ވަޑައިގެންނެވުމުން އެހެން ކެންޑިޑޭޓުންނަށް ބައިއަތު ހިއްޕަވާފައެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނިކުމެ ތިއްބެވި އެމްޑީޕީއާއި 2008 ވަނަ އަހަރު ގާސިމް ބައިވެރިވެވަޑައިގެން ރައީސް ނަޝީދާ އެއްކޮށް ވަރަށް ބުރަކޮށް މަސައްކަތް ކޮށް، އެފަރުގެ އިންތިޚާބު ގާސިމާއި އެކު ނަޝީދު އެކުލަވާލި އިއްތިހާދުން ވަނީ ކާމިޔާބުކޮށްފައެވެ.

އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޔާމީނާ އެއްކޮޅަށް ތެދުވެ، ގާސިމްގެ އެހީތެރިކަމާއެކު ޔާމީންވެސް ވަނީ އެފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. ގާސިމްގެ އަރިސް ބޭފުޅުން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރަން ގާސިމްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ.