ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސުޕުރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ދީދީ އާއި ޢަނީއަށް ރުހުންދީފައިވަނީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ޖަލްސާއަށް ހާޒިރުވެވަޑައިގެންފައިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ އެމްޑީއޭގެ 36 މެމްބަރެކެވެ.
ދީދީ އްާއި ޢަނީ ސުޕުރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް 36 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. މި ދެ ފަނޑިޔާރުން ސުޕުރީމް ކޯޓަށް އައްޔަން ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުމާއި ގުޅިގެން ޖޭއެސްސީން ރައީސްއަށް ނަން ފޮނުއްވުމުންނެވެ.
މިރޭގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށްވެސް މަޖްލިސްއިން ވަނީ ރުހުންދީފައެވެ.