އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން އޮތް ނަމަވެސް އެ ތާރީހަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އިލެކްޝަން ކަމިޝަން (އީސީ) އިން ބުނެފި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތި ލުމުގެ ތާރީހު ޖުލައި 15 ގައި ހުޅުވާލަން އޮތް ނަމަވެސް އެ ތާރީހު ފަސްކުރުމުގެ ވިސްނުމެއް ކަމިޝަނުން ގެންގުޅެމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުގެ ތާރީހު ފަސްކުރުމުގެ ވިސްނަނީ ވީހާވެސް ގިނަ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށްކަމަށެވެ.
"އިންތިޚާބަށް ހުޅުވާލުން ޖުލައި 15 އަށް އޮތް ކަމުގައި ވިޔަސް ފަހަރެއްގައި ލަސްވެގެން ގޮސް 22، 23 އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް. އަދި އަޅުގަނޑުމެން ގޮތެއް ނުނިންމަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބައެއް ޕާޓީތަކުން ކޮންގްރެސް ބާއްވައި ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ނުރަސްމީކޮށް ލިބެމުންދާ ކަމަށާއި، ތާރީހު ފަސް ކުރުމުން އެފަރާތްތަކަށް ފުރުސަތު ބޮޑުވެގެންދާނެކަމަށެވެ.
ގިނަ ބަޔަކަށް ރިޔާސީ އިންތިހާބުން ފުރުސަތު ދޭން ބޭނުން ކަމަށް އިލެކްޝަނުން ބުނި ނަމަވެސް ސަރުކާރުން ވަނީ އިންތިހާބާއި ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތައް ހުށަހަޅާފައެވެ. އެގޮތުން އަމިއްލަ ކެންޑިޑޭޓުން ދައްކަން ޖެހޭ ފީ އެއްލައްކަ ރުފިޔާއަށް ބޮޑުކޮށް، ރާއްޖޭން ބޭރުގެ ހިމާޔަތް ހޯދައިފނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މުއްދަތު 10 އަހަރަށް ލަސްކޮށް ރައްވެހިކަން ދޫކޮށްލައިފި ނަމަވެސް އަލުން ކުރިމަތިލެވޭނީ 10 އަހަރު ފަހުން ކަމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.