Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

ފާތުންއަކީ ފިސާރި އަންހެނެއް

: ފާތުން އަދި ފާތުންގެ ގައިޑް ޖަބީ ފޮޓޯ: ކޯޗު ޝުޖާ

އައިރަނާސް އިން އައްޑޫގައި ބޭއްވި ދެވަނަ މެރެތަން ކާމިޔާބު ކަމާއެކު އިއްޔެ ނިންމައިލީ ފޯރި އާއި ޖޯޝާ އެކުގައެވެ. ދުނިޔޭގެ ކަންކޮޅު ތަކުންނާއި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ދުވުންތެރިން އައިސް މި ނަލަ ފެހި އައްޑޫގައި ދުވެލުމުގެ ޝަރަފު ލިބިގަތެވެ. މީގެ ތެރޭގައި ދުނިޔެއާއި ރާއްޖޭގެ ރެކޯޑް ހޯލްޑަރުން ހިމެނެ އެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް ތަފާތު މަންޒަރެއް ފެނިގެން ދިޔައެވެ. އެއީ ލޯފަން ކުއްޖެއް ކަމަށްވާ ފާތުންގެ ހިއްވަރާއި ސާބިތުކަމެވެ. އައްޑޫ މެރެތަންގައި ފާތުން ވަނީ 10 ކިލޯމީޓަރު ދުވުމުގައި ދުވެ 1 ގަޑި އިރާއި 12 މިނެޓުން ރޭސް ނިންމައި ފައެވެ.

މިއީ ރާއްޖޭގައި "ބްލައިންޑް ރަނާޒް" އަކު 10 ކިލޯމީޓަރު ދުވުމެއްގައި ބައިވެރި ފުރަތަމަ ފަހަރެވެ.

ފާތުން ބުނާ ގޮތުން އޭނާގެ ލޮލުގެ އަނދިރިކަން އެއީ އޭނާ ކުރަން ބޭނުންވާ ކަމަކަށް ހުރަހަކަށް ނުވާނެ އެވެ. ކަމެއް ހާސިލް ކުރަން ބޭނުން ނަމަ އެކަމަށް ބޭނު ންވަނީ އެ މީހެއްގެ އަމިއްލަ ހިއްވަރާއި މަސައްކަތް ކަމަށް ފާތުން ބުންޏެވެ.

މިހާރު ރާއްޖޭގައި ބާއްވާ ހުރިހާ ބޮޑެތި ދުވުމުގެ އިވެންޓްތަކުގައި ފާތުން ބައިވެރިވަމުން އަންނަ އިރު ކުރީގައި ފާތުން ދުވަމުން އައީ 5 ކިލޯމީޓަރު ދުވުމުގަ އެ ވެ.

ކޯޗް ޝުޖާއު ގެ އިރުޝާދުގެ ދަށުން ފާތުން 10 ކިލޯމީޓަރު ދުވުމަށް ތައްޔާރުވާން ފެށި ހިސާބުން ވެސް އޭނާ ވަނީ އެކަން ފުރިހަމަ ކުރަމަށް އަޒުމުކަނޑައަޅާފައި ކަމަށް ޝުޖާއު ބުންޏެވެ. އަދި ފާތުންގެ ހިއްވަރަށް ސާބަސް ދޭ ކަމަށާއި ފާތުން ދުވުން ނިންމި ޓައިމިން އާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ޝުޖާއު ބުންޏެވެ.

އެމްޓީޑީސީ ގެ ކަސްޓަމަރ ކެއާރ އޮފިސަރެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ފާތުން އަކީ ދުވުމުގެ އިތުރުން ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރި ވަމުން އަންނަ ކުއްޖެކެވެ.