Last Updated: April 25, 17:15
Thursday, April 25, 2024
ރިޕޯޓް

އަޙުމަދު ޞާލިޙް ޢަލިދީދީ: އައްޑޫގެ ތާރީޚުގެ މުހިއްމު ނަމެއް

އައްޑުއަކީ ފަންނުވެރިންގެ ސިޓީއެކެވެ. ޚިދުމަތްތެރިންގެ ފަސްގަނޑެކެވެ. އިޚްލާޞްތެރިންގެ ފިޔަވަޅުތަކުން މި ބިން ވަނީ ފުރިފަ އެވެ. މި ފަސްގަނޑަށް އުފަންވި މިފަދަ ޚިދުމަތްތެރި، އިޚްލާޞްތެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ނަމޫނާ އެއް ބޭފުޅަކީ އައްޑޫގެ ތާރީޚު އެ ބޭފުޅަކު އަބަދުމެ ހަނދުމަ ކުރާނެ ބޭފުޅެއް ކަމަށްވާ ހިތަދޫ ފެހިވިލާގެ އަޙުމަދު ޞާލިޙް އަލިދީދީއެވެ.

ޞާލިހަކީ ޤައުމަށް ޚިދުމަތް ކުރުމުގައި ފަސްޖެހުމެއް، ވަރުބަލިކަމެއް ނެތި ކުރިޔަށް ވަޑައިގެންނެވި ބޭފުޅެކެވެ. ދިވެހި ސަރުކާރަށް ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ އިޚްލާޞްތެރި ވެރިއެކެވެ. ނަވާރަސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރުން ފެށިގެން 1969 އަ އެބޭފުޅާ ވަނީ ހިތަދޫ ކަތީބުކަން ކުރައްވައިފައެވެ. އަދި 1968-1969 ވަނަ އަހަރާ ހަމަޔަށް އެ ބޭފުޅާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ އަތޮޅު މެމްބަރުކަން ވެސް ކުރައްވާފައެވެ.

ޞާލިހް ވަނީ 1971-1975 އަށް އައްޑޫ އަތޮޅު އަތޮޅުވެރިކަން ވެސް ކުރައްވާފަ އެވެ. އެއް ދާއިރާއަކަށް ފަހު އަނެއް ދާއިރާއެކެވެ. އަދި 1979-2009 ވަނަ އަހަރާ ދެމެދު އޭނާ ވަނީ ގަމުގެ މެނޭޖަރުކަމާއި އެސްޓީއޯ ގަން މެނޭޖަރު ކަމުގެ އިތުރުން ސްޓެލްކޯ ހިތަދޫ މެނޭޖަރު އަދި ޑެޕިއުޓީ މެނޭޖަރުކަން ވެސް ކުރައްވާފަ އެވެ.

އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ. ކުރައްވާ ހިތުންނެވެ. އައްޑޫގެ ރައްޔިތުންނަށާއި ގައުމަށް ޚިދުމަތް ކުރެއްވުމުގެ މާތް މަޤްޞަދުގައެވެ.

1964 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރު ރިޓަޔާ ކުރެއްވުމާއި ހަމަޔަށް 45 އަހަރު ޞާލިޙް ވަނީ ދިވެހި ސަރުކާރުގެ އެކި އެކި މަޤާމް ތަކުގައި ހުންނަވާ އައްޑޫގެ ރައްޔިތުންނަށް ނުހަނު ގިނަ ޚިދުމަތްތައް ކުރައްވާފައެވެ.

ޞާލިޙް ވަނީ އައްޑޫގެ ތަރައްޤީއާއި ކުރިއެރުމަށް އަގު ނުކުރެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފައެވެ.

1959 ން ފެށިގެން 1963 އަހަރާއި ދެމެދު ހަތަރު އަތޮޅުގައި ސުވާދީބްގެ ނަމުގައި ދިވެހި ސަރުކާރާއި ދެކޮޅަށް ހިންގުނު ޙަރަކާތަކީ ދިވެހި ތާރީޚުގައި ލިޔެވި ޖީލުތަކަށް ފޯރުކޮށް ދެމުން އަންނަ ވާހަކަ ތަކެކެވެ. އެ ހަރަކާތުން އެނބުރި ތެދުވެރި ކަމާއެކު ދިވެހި ސަރުކާރަށް ކިޔަމަންތެރިވުމުގެ ވަގުތު ކުޑަތަން ވެގެން ދިޔުމުން ވަގުތުން އެ ބޭފުޅާ ވަނީ އެކަމަށް ބާރު އަޅުއްވާފައެވެ.
އެ ޙަރަކާތުގައި އުޅުއްވި ވެރިންނަށް މަސަލަސްވެ ހެޔޮ ވިސްނުން ވިސްނަވާ ދެއްވާ ޞުލްޙަ ޤާއިމް ކުރެއްވުމަށް އެންމެ ބާރު އެޅުއްވި އެއް ބޭފުޅަކީ އަޅުގަނޑުމެންގެ ޞާލިޙް އަލި ދީދީ އެވެ.

ޞާލިޙް ގެ ޚިދުމަތް ރަށާއި ޤައުމުގައި ފެނިގެން ދިޔައީ ސަރުކާރު ތެރެއިން އެކަންޏެއް ނޫނެވެ. ކުޅިވަރުގެ ދާއިރާއިން އައްޑޫ ތަމްސީލް ކުރެއްވުމުގައި ވެސް އެ ދުވަސްވަރު އެ ބޭފުޅާ ވަނީ މުހިއްމު ރޯލެއް އަދާ ކުރައްވާފައެވެ. އެގޮތުން އައްޑޫ އަތޮޅުން ދިވެހިރާއްޖޭއަށް އެންމެ ފުރަތަމަ ޤައުމީ މުބާރާތެއްގައި ބައިވެރިވުމުގެ ޝަރަފު ހޯއްދަވާފައިވަނީ އެ ބޭފުޅާގެ "އޭއެސްއޭ" ކްލަބުންނެވެ. އެ ބޭފުޅާގެ މެނޭޖަރު ކަމުގައި 1968 ވަނަ އަހަރު އުފެއްދި އެ ކްލަބުން ވަނީ ޤައުމީ މުބާރާތުގައި ބައިވެރިވެ ފައިނަލްގައި ކުޅެ މުބާރާތުން ދެވަނަ ޙާސިލް ކުރައްވާފައެވެ.

މާލޭގެ ދަނޑުތަކުގައި ކުޅެ ރާއްޖެއިން އައްޑޫގެ ޒުވާން ކުޅުންތެރިންގެ ހުނަރުވެރިކަން ތަޢާރަފް ކުރެއްވުމުގައި ޞާލިޙް ކުރެއްވި މަސައްކަތަކީ ތަޢުރީފް ޙައްޤު މަސައްކަތްތަކެކެވެ.

ޢަމަލީ ގޮތުން ޙަރަކާތްތެރިވެ ވަޑައިނުގެންނެވުނު ނަމަވެސް އަދިވެސް އަޙުމަދު ޞާލިޙް އަލި ދީދީ ހުންނެވީ މި ސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމުގެ ރޫޙާއި ޖޯޝުގައެވެ.

ސޯލިޙް ކުރެއްވި މަސައްކަތްތައް ވަނީ އައްޑޫ ސިޓީގެ ތާރީޚުގައި ލިޔެވިފައެވެ. އެ ނަމަކީ މި ދިވެހި ބިން އޮތްހާ ހިނދަކު ފޮހެވޭނެ ނަމެއް ނޫނެވެ.

މާތް ﷲ ސޯލިޙް އަލިދީދީގެ އުމުރު ދިގު ކުރައްވާ އެ ބޭފުޅާއަށް ރަނގަޅު ސިއްޙަތެއް ދެއްވާށި. އާމީން