ސިޔާސީ ޕާޓީތަކުން ގާނޫނާއި ޚިލާފަށް ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ފުލުހުން އަނެއްކާވެސް ބުނެ، އިންޒާރު ދީފިއެވެ.
ގާނޫނާ ޚިލާފު ކަންތައް ހުއްޓުވާނެ ކަމަށް ބުނެ ފުލުހުންދޭ އިންޒާރު އަބަދުވެސް އިދިކޮޅު ފަރާތްތަކަށް އަމާޒުވާތަން ފެންނައިރު ސަރުކާރަށް ތާއީދު ކުރާ ސިޔާސީ ހަރަކާތްތަކަށް ފުލުހުންގެ އެހީތެރިކަމާއި މަދަދު ލިބެމުން ދެއެވެ.
އެންމެ ފަހަކަށް އިދިކޮޅު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ވެސް ވަނީ އެ ޕްރައިމަރީގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވާތީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހުއްޓުވާފައެވެ. އެގޮތުން އެމްޑީޕީގެ ވޯޓު ފޮށިތައް ފުލުހުން ގެންގޮސްފައިވާއިރު ރާއްޖޭގެ އެކި ހިސާބުތަކުން އެމްޑީޕީ އެކްޓިވިސްޓުންނާއި ފުލުހުންނާ ދެމެދު ދެބަސްވުންތައް ހިނގައި، ހަމަނުޖެހުން އުފެދި ބައެއް މީހުން ހައްޔަރުވެސް ކުރިއެވެ.
އއ. އުކުޅަހުގައި އެމްޑީޕީގެ ރިޔާސީ ކޮންގްރެސް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ އިރު ކޮންގްރެސްއާ ދިމާކޮށް ފުލުހުން އަނެއްކާވެސް މިފަދަ އިންޒާރެއް ދީފައިވަނީ އެމްޑީޕީގެ ކޮންގްރެސް ހުއްޓުވުމަށް ކަމަށް އެޕާޓީގެ އެކްޓިވިސްޓުން ވަނީ ތުހުމަތުކޮށްފައެވެ.