Last Updated: June 10, 20:48
Wednesday, June 10, 2026
ސިޔާސީ

"ކުދި ޕާޓީތަކުގެ ބޭނުމަކީ މަށަށް މަށަށް ގޮވުން"

ކުދި ޕާޓީތަކުގެ ބޭނުމަކީ، މަށަށް މަށަށް ގޮވައިގެން ތިމަންނާއަށް އޮތީ ކޮން އެއްޗެއްތޯ ބަލައި، އެ ބޮނޑި ބޮޑު ކުރުމަށް އިއްތިހާދުވަމުން ދިއުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙަަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ފ. ބިލެތްދޫގައި އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، އިއްތިހާދުވުމަކީ ބޮނޑި ބޮޑުކުރުން ކަމަށާއި އެ ބޮނޑި ބޮޑުކުރަނީ ހަމައެކަނި މާއްދީކަން ކަމަށް ކަމަށާއި ރައްޔިތިކަށް އެއިން ލިބޭ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.

މިހާތަނަށް ވެސް މި ބޭފުޅުން އިއްތިހާދުވެގެން ކުރައްވާފައިވާ ކަންކަން އަޅުގަނޑުމެންނަށް އެނގޭ ކަމަށާއި، މި ރަށުގެ ބަނދަރު ހެދުމަށް ހުރި ފައިސާކޮޅު ނަގައިގެން އެހެން ރަށެއްގެ ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް ހަމަޖައްސާފައި ހުރި ފައިސާކޮޅުން ފުލުހުންގެ މުސާރަ ބޮޑު ކުރެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ. ނިމިގެން މިދިޔަ 2012 ވަނަ އަހަރު ރާއްޖޭގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ނުހިންގޭ ކަމަށާއި ރާއްޖެ އޮތީ ހުއްޓިފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރަކީ، ބޭބޭފުޅުން ސިޔާސީ ކުދި ޕާޓީތައް އުފައްދަވައިގެން، އަމިއްލަ ބޭނުންފުޅުގައި ނުވަތަ ވިޔަފާރީގެ ފައިދާއަށްޓަކައި، އެ ޕާޓީތައް ދޮލަނގަށްލައިގެން ވިއްކަމުން ގެންދާ މަންޒަރު. ޕާޓީއެއް މި އުފައްދަނީ އެއްވެސް ހާލެއްގައި ވަކި ފިކުރެއް، ވަކި ފަލްސަފާއެއް ނުވަތަ ވަކި އުޞޫލުތަކެއް އެކަށައަޅާ ހިންގުމުގެ ބޭނުމަކު ނޫން. މި ބޭފުޅުން އުފައްދަވާ ޕާޓީތައް ބޭނުން ކުރައްވަނީ، އަމިއްލަފުޅު ވިޔަފާރީގެ ބާރުވެރިކަން އެ ޕާޓީ މެދުވެރިކޮށް ހިންގެވުމަށް،" ނަޝީދު ވިދާޅުވި އެވެ. "ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ އިރު، އެއް ފަރާތުގައި ސިޔާސީ ޕާޓީއެއް ބޭއްވުނީމާ، ދެން ސަރުކާރަށް ވެސް ޖެހެނީ ދީލާލަން. އެ ދީލާލުމަށް ސަރުކާރަށް މަޖުބޫރުވާ މަޖުބޫރުވުމަކީ ހަޤީގަތުގައި މި ބޭފުޅުން ސިޔާސީ ޕާޓީ އުފެއްދުމުގެ ސަބަބު."

މި ރޮނގުން ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެއްދެވުމަށް ފަހު އިންތިޚާބުތަކަށް އެބޭފުޅުން ކުރިމަތިލެއްވުމަށް ފަހު ދެން ކުރައްވާ ކަމަކީ ދައުލަތުގެ ވަޞީލަތްތައް ބަހާލެއްވުން ކަމަށެވެ.

"އެ ބޭފުޅުން މި ވިދާޅު ވަނީ ސަރުކާރުގެ ވަޒީރުންގެ މަޖްލީހުގެ މިތައް ގޮނޑިއާއި ތިމަންނާއަށް މިތައް ރަށާއި ފަނޑިޔާރު ގެ ތެރެއިން އެތައް ބަޔަކާއި ބޮޑު ގުދަނަކާއި، އަދި މިވެނި އެއްޗަކާއި އެވެނި އެއްޗެއް ތިމަންނާއަށް ދީފިނަމަ، ތި ޕާޓީއާ ތިމަންނަ އިއްތިހާދު ވާނަމޭ،" ނަޝީދު ވިދާޅުވި އެވެ. "ހަޤީގަތުގައި މި ބޭބޭފުޅުން މި ހައްދަވާ އިއްތިހާދަކާ ރައްޔިތުންނާ އެއްވެސް ގުޅުމެއް ނެތް. އިއްތިހާދު ހައްވައިގެން ނަގޫ ގޮއްޖެހިފައި ތިއްބަވަނީ. ނަމަވެސް ހިތާމައަކީ، ދޮލަނގަކަށް ލާފައި ވިއްކަން ތިބެނީ ރައްޔިތުންނަށް ވާތީ ކަމަށާއި އަދި އެ ރައްޔިތުން އެ ސިޔާސީ ޕާޓީތަކަށް ވައްދާފައި ތިބީ ނާޖާއިޒު ގޮތުގައި ހޯދި ފައިސާއިން ކަމާ މެދު އެއްވެސް ޝަައްކެއް ނެތް. އެކަން މިހާރު ސާފުވެ ފެންނަމުންދޭ."

ސިޔާސީ ޕާޓީތަކުން އިއްތިޙާދުވެގެން، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ހިންގި ހަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ އިއްތިހާދުން އެންމެ މުހިންމު އެންމެ ވަރުދަގަ ކުރި ކަމަކީ، 2008 ވަނަ އަހަރު ރާއްޖޭގައި އުފައްދާފައި އޮތް ޤާނޫނީ ސަރުކާރުން ވައްޓާލުން ކަމަށެވެ.

މި އާލަމްގައި އަދި މިދުނިޔޭގައި ކުރެވޭނީ މާތް ރަސްކަލާންގެ ޙަޟްރަތުން ކުރާ ވެރިކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެވެރިކަން ގަޑުބަޑުކޮށް އެވެރިކަން ޣައިރު ޤާނޫނީއެއް ނުކުރެވޭނެ ކަމަށެވެ. ބަޣާވާތް ކުރުމަށްވުރެ ވަކިން ބޮޑު ޚަރާމް ކަމެއް އިސްލާމް ދީނުގައި ނެތް ކަމަށާއި ދީނީ ދަންނަބޭކަލުންގެ ތާކިހާ އަޅުއްވައިގެން އެ ބޭފުޅުން އެ ކުރެއްވީ ބޮޑުވެގެންވާ ޚަރާމް ކަމެއް މަށާއި މިއަދު ރާއްޖެގައި ހިނގަމުން ދަނީ ޚަރާމް ވެރިކަމެއްކަން ތަކުރާރުކޮށް ރައީސް ފާހަގަ ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ރާއްޖެއެއް ކަމަށްވާ އިރު، މިޚަރާމްކަންތައް އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި ބަލަހައްޓައިގެން ތިބެވެން ނޯންނާނެ ކަމަށެވެ. އަދި އިރާދަކުރެއްވިޔާ ނަޞްރު ލިބޭނީ އަބަދުވެސް ހައްޤަށް ކަމަށާއި ބަޣާވާތެއްކޮށްގެން އެ ޚަރާމްކަންމަތީގައި މާތް ﷲ އަށް އުރެދިގެން ތިބި ބަޔަކަށް ނަޞްރު ލިބިދާނެކަން އިންސާނީ ތަޖުރިބާ މިހާތަނަށް ދައްކާފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް އެ ބޭފުޅުން ދެއްކެވީ ދެ ވާހަކައެއްކަ މަށެވެ. އެގޮތުން އެބޭފުޅުން ދެއްކެވި ފުރަތަމަ ވާހަކައަކީ، ޣިޔާސުއްދީން ސްކޫލް އިންޓަނޭޝަނަލް ސްކޫލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެ ސްކޫލްގެ މެނޭޖްމަންޓް ބޭރު ބަޔަކާ ހަވާލުކުރުމުގެ ވާހަކަ ކަމަށެވެ.

ނަމަވެސް މިއަދު ފެންނަމުން ދާ މަންޒަރަކީ، ދީނާ ޤައުމަށްޓަކައި ވެރިކަން ވައްޓާލި ބޭފުޅުންގެ ތެރެއިން ދީނީ އިލްމުވެރިންނާއި މުއްސަނދިންނާއި އަދި ބައެއް މަޖްލިސް މެންބަރުންނާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންވެ ސް އެ ބޭބޭފުޅުންގެ ދަރިން އެ ސްކޫލްގައި ކިޔަވަމުން ދާ މަންޒަރު ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް އެބޭފުޅުން ދެވަނަ އަށް ދެއްކެވި ވާހަކައަކީ، ހުޅުލޭ އެއަރޕޯޓް ބޭރު ބަޔަކަށް ވިއްކާލި ވާހަކަ ކަމަށާއި ނަމަވެސް، އެ އެއަޕޯޓް އަދިވެސް އޮތީ ރާއްޖޭގައި ކަމަށާއި އެތަން ހިފައިގެން އެއްވެސް ބަޔަކު ނުދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަދާލަތު ޕާޓީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ، އަދާލަތު ޕާޓީން ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބަ ށްވެސް އަދި ކައުންސިލް އިންތިޚާބުގައި ވެސް ވާދަކުރެއްވި ކަމަށާއި ނަމަވެސް 1170 ކައުންސިލްގެ ގޮނޑީގެ ތެރެއިން އަދާލަތު ޕާޓީ އަށް ލިބުނީ ދެތިން ގޮނޑި ކަމަށެވެ.