މިއަހަރު ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓު ލާއިރު ވޯޓުލާ މަޒުކަޒުތަކުގައި ތިބޭ އޮފިޝަލުން ހޯދަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިއްޔެ ކުރި މި އިޢުލާނުގައި މަޤާމުގެ ޝަރުތުތައް ބަޔާން ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
1. ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
2. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން.
3. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
4. ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
5. އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
6. މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
7. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
މި ޝަރުތުތައް ހަމަވާ މީހުންގެ ތެރެއިން ޝައުގުވެރިވާ މީހުން ޖުލައި 19 ގެ ކުރިން އިލެކްޝަނަށް ސިޓީ ހުށަހެޅުމަށް ކޮމިޝަންގެ އިއުލާންގައި ބުނެފައިވެ އެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އީސީގެ އިއުލާނުގައި ބުނެފައިވެއެވެ. އޮފިޝަލަކަށް އެދި ހުށަހެޅި ކަމުގައި ވިޔަސް މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.
އެހެން އަހަރުތަކެކޭ ވެސް އިންތިޚާބު ތަކުގައި އަމަލު ކުރާ ގޮތަށް މި އަހަރުވެސް ވޯޓުލާ މަރުކަޒުތަކުގައި ތިބޭ އޮފިޝަލުންނަށް އެލަވަންސެއް ދޭނެ އެވެ. އޮފިޝަލުންގެ މައިގަނޑު މަސައްކަތަކީ ވޯޓު ލާން ދާމީހުންގެ މައުލޫމާތު އެންޓާކޮށް ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވުމެވެ.
މިއަހަރުގެ އިންތިހާބަށް 4000 ވޯޓު ފޮށިކައިރީގައި ތިބޭ އޮފިޝަލުން ނަގަން ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮންމެ ވޯޓު ފޮށްޓެއްގައި މަދުވެގެން ފަސް އޮފިޝަލުން ހުންނަ ގޮތަށެވެ.
މި ފަހަރު ވޯޓު އޮފިޝަލުންގެ ގޮތުގައި ސިޔާސީ ފަރާތްތައް ނުނަގާނެ ކަމަށް އީސީން ވަނީ ބުނެފައެވެ، އެ ގޮތުން ވޯޓު އޮފިޝަލުން ނެގުމުގެ ކުރިން އެއްވެސް ޕާޓީއެއްގައި ސޮއިކޮށްފައި ވޭތޯ ނޫންތޯ ބަލައި ޗެކްކުރާނެ ކަމަށް ވެސް އީސީ އިން ވަނޯ ބުނެފައެވެ. އެގޮތަށް އަމަލުކުރަން ނިންމާފައި ވަނީ ވެސް ވޯޓުލުމުގެ ކަންކަން ވީހާވެސް މިނިވަންކޮށް ނުފޫޒުން އެއްކިބާ ކުރުމަށް ކަމަށެވެ.
އިންތިހާބުގެ އޮފިޝަލުންނަށް ވާން ހުޅުވާލާފައިވާއިރު އިންޓަނޭޝަނަލް މީޑިއާ މޮނިޓަރުންނަށް ވުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އަދި ލޯކަލް މޮނިޓަރުންނަށް ވުމަށް ދިވެހި މީޑިއާތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.