Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ނަޝީދު ކުރިމަތި ނުލަނީއެއް ނޫން، ނުލެވެނީ: އަދުރޭ

ފޮޓޯ: އަވަސް.އެމްވީ

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް ބުނެ އަނެއްކާވެސް ބަހުގެ ހަމަލާއެއް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ދެއްވައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބުގައި ބައިވެރިވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކޮށްފައިވަނިކޮށް ނަޝީދު ވަނީ އިންތިޚާބުގައި ކުރިމަތި ނުލާނެ ކަން އިޢުލާން ކޮށްފައެވެ.

އެގޮތަށް ނަޝީދު އިއުލާން ކުރުމާއި ގުޅިގެން އަދުރޭ މިއަދު ބުނެފައިވަނީ ރައީސް ނަޝީދު އަނެއްކާ ވެސް އިތުރުފުޅެއް ހައްދަވާފައިވާ ކަމަށެވެ. ނަޝީދު އެ ބުނަނީ ކުރިމަތި ނުލާނެ ކަމަށެވެ. ނަމަވެސް އެއީ ހަޤީގަތެއް ނޫން ކަމަށާއި ޤާނޫނީ ހަމަތަކުގެ މަތިން ނަޝީދު އަށް އިންތިޚާބުގައި ކުރިމަތި ނުލެވުނީ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ތަކުރާރުކޮށް އަދުރޭމެން ބުނަމުން ދިޔައީ ރައީސް ނަޝީދުގެ ނަން ކަރުދާސް ކޮޅުގައި ނޯންނާނެ ވާހަކަ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވިއިރު ރައީސް ނަޝީދު އެބޭފުޅާ އިންތިޚާބުގައި ވާދަ ނުކުރައްވާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުން ކަމުގައެވެ.

އަދުރޭގެ ބަހުގެ ހަމަލާތައް ވަރަށް ގިނައިން އިދިކޮޅު ފަރާތްތަކަށް ދެއްވައެވެ. އެޔަށް ރައްދު ދެއްވުމުގައި އިދިކޮޅުން ވެސް އަވަސް ކުރައްވާ ކަން ފާހަގަ ކުރެވެއެވެ. މި ފަހަރު އެންމެ އަވަހަށް އަދުރޭ ވިދާޅުވި ވާހަކައަށް ރައްދު ދެއްވާނީ ކޮން ބޭފުޅެއްތޯ އެއީ އުފެދޭ ސުވާލެކެވެ.