މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއުލާން ކުރެއްވުމާއި ގުޅިގެން އެކި ބޭފުޅުން ޚިޔާލު ފާޅުކުރައްވަމުން އެބަގެންދަވައެވެ. މިފަހަރު އެ ނިންމުމަށް މަރުޙަބާ ވިދާޅުވީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫނެވެ.
އެ ކަމަނާ މަރުޙަބާ ދެންނެވީ ރައީސް މައުމޫން އަދި ރައީސް ނަޝީދު އެކުގައި ފެންނަ ފޮޓޯ އެއް ހިމެނޭ ގޮތަށް ކުރެއްވި ޓްވީޓެއްގައެވެ.
I welcome the decision by Former President @MohamedNasheed to step back from the race and pave the way for new leadership within MDP! @MDPSecretariat. A mature decision indeed. pic.twitter.com/b9gwDr7Feg
— Dunya Maumoon (@dunyamaumoon) June 29, 2018
ރައީސް ނަޝީދު ފަހަތަށް ފިޔަވަޅެއް އަޅުއްވާ އެމްޑީޕީގެ ތެރެއިން އާ ލީޑަޝިޕަކަށް ފުރުސަތު ދެއްވުމުން މަރުހަބާ ދަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ނިންމެވުމަކީ ވަރަށް ހަރުދަނާ ނިންމެވުމެއްގެ ގޮތުގައި ދުންޔާ ވަނީ ފާހަގަ ކުރައްވާފައެވެ.
ދުންޔާ އަކީ ގާސިމް އިބްރާހީމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް އެކަމާ ގުޅިގެން އެކަމަނާ އެއްޗެއް ވިދާޅެއް ނުވެ އެވެ.
އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަޝީދުގެ މި ނިންމެވުމަށް ވަރަށް ގިނަ ފަރާތްތަކުން ވަނީ ތާއީދުކޮށް މަރުޙަބާ ވިދާޅުވެފައެވެ.
މިހާރު އެންމެންގެ ވެސް ސުވާލަކަށް ވާނީ ދެން އިދިކޮޅު ފަރާތްތަކުން ނެރޭނީ ކޮން ކެންޑިޑޭޓެއްތޯ؟ މިއެވެ. ޖަވާބު އަވަހަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ބޭއްވިގެންދާ ކޮންގްރެސް އަށް ފަހު ރަނގަޅު ގޮތްތަކެއް ނިންމިގެން ދާނެކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެއެވެ.