Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ދެ ފަނޑިޔާރުންގެ މައްސަލާގައި އދ. އިން ކަންބޮޑުވެއްޖެ

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެޖަމިއްޔާގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް ޑިއޭގޯ ގާސިޔާ ސަޔާން މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ ކުރީގެ ދެ ފަނޑިޔާރުން ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ، ނުފޫޒު ފޯރުވައި ގަވައިދާ ހިލާފު އަމަލުތަކެއް ހިންގާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން އެ ބޭފުޅުންގެ ފަރާތުން ވަނީ އަލުން ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިނުގެންފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އަބްދުﷲ ސައީދާއި އަލީ ހަމީދަށް ހައި ކޯޓުން އިއްވި ހުކުމާމެދު ހިތްހަމަނުޖެހިގެން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތްއިރު، ދަށު ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ހަމަޖެހިފައިވާ އުސޫލްތަކުގެ ބޭރުން، އަޑުއެހުންތައް ސިއްރުކޮށްގެން ކަމަށް އެ މައްސަލައަށް އިޝާރާތް އދ. ސްޕެޝަލް ރެޕަޓުއާ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން އެކަށީގެންވާ ހެއްކެތް ނެތި، ދިފާއުވާން އެކަށީގެންވާ ފުރުސަތެއް ވެސް ނުދީ އަދި ދިފާއީ ހެކިންނަށް ވެސް ފުރުސަތެއް ދިނުމެއް ނެތި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރަކާއި އިތުރު ދެ ފަނޑިޔާރުން އައްޔަންކުރި މައްސަލައަށް ވެސް އެ ބަޔާނުގައި ވަނީ އިޝާރާތް ކުރައްވާފައެވެ. އެގޮތުން އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރީ، ވަކިކުރި ގޮތާ މެދު ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށް ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރަކާއި އިތުރު ދެ ފަނޑިޔާރުން އައްޔަންކުރި މައްސަލައަށް އިޝާރާތްކުރައްވައި ރެޕަޓުއާ ވިދާޅުވީ ދެ ފަނޑިޔާރުން ހައްޔަރުކުރުމުން އެ ބޭފުޅާގެ ކަންބޮޑުވުންތައް ވަނީ ހުށަހަޅާފައި ކަމުގައެވެ. އެކަމަކު ހިތާމައަކީ އެކަމާ މެދު ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފަދައިން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މާހައުލުގައި ހިނގަމުންދާ ކަންތަކަށް ފާޑު ކިޔުމާއި، ފާޅުކުރާ ކަންބޮޑުވުންތަކަށް ފަހަކަށް އައިސް ދިވެހި ސަރުކާރުން ބީރު ކަންފަތެއް ދެއްވަމުންދާ ކަން ފާހަގަ ކުރެވެއެވެ. މިފަދަ ކަންތަކުގެ ސަބަބުން ހީނުކުރާ ފަދަ އުނދަގޫ ހާލަތަކާއި ދިވެހިންނަށް ކުރިމަތިލާން ޖެހިދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދެއެވެ.